މަރާމާތަށް ބަންދުކޮށްފައި އޮތް މާލޭގެ ޖުމްހޫރީ މައިދާން ވަގުތީ ގޮތުން ހުޅުވާލައިފި އެވެ.
އެތަން ވަގުތީ ގޮތުން ހުޅުވައިލި އިރު، މަސައްކަތުގެ 90 ޕަސެންޓް އޮތީ ނިމިފައި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ. އާބާތުރަފިލުވައި ބައެއް ބަދަލުތައް ގެނައުމަށްޓަކައި މާލޭގެ މޫނުމަތީ ސަރަހައްދުގައި އޮތް ޖުމްހޫރީ މައިދާން ބަންދުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
އެތަނުގެ މަސައްކަތް ހަވާލުކޮށްފައި އޮތީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އެވެ.
އެ ކުންފުނިން ބުނީ ޖުމްހޫރީ މައިދާންގެ މަސައްކަތްތައް އެއްކޮށް ނުނިމި ލަސްވަނީ، ފްލޯރިން އަށް ރާއްޖެއިން ބޭރުން ގެންނަ ބައެއް ތަކެތި ގެނައުމުގައި އުޅޭ ލަސްތަކެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް އެ ސަރަހައްދަކީ ގިނަ އަދަދަކަށް ބަޔަކު ހިތްފަސޭހަކޮށްލުމަށް ރޯދަމަހު ބޭނުންކުރާ މައިޒާނަކަށް ވުމުން އެ ސަރަޙައްދު ވަގުތީ ގޮތުން ހުޅުވާލަން ނިންމީ ކަމަށް ބުންޏެބެ.
ޖުމްހޫރީ މައިދާން ސަރަޙައްދު ހުޅުވައިލި ނަމަވެސް އެތަނުގެ ވިނަ ހެއްދުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދުތައް އަދިވެސް ބަންދުކޮށްފައެވެ. އެހެންވެ އެކަމަށް ސަމާލުވާން އާރުޑީސީން އެދިފައިވެ އެވެ.