އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ ވިޖޭ ދެވަރަކޮންޑާ އާއި ރަޝްމިކާ މަންދަނާ މި މަހުގެ ކައިވެނި ކުރާނެކަން ކަށަވަރުކޮށް ދީފި އެވެ.
މި މަހުގެ 26 ގައި ދެ ތަަރިންގެ ކައިވެނި ހަފުލާ ބާއްވަން މިހާރު އަންނަނީ އެންމެ ފަހުގެ ތައްޔާރީތައްވަމުންނެވެ.
މީޑިއާތަކުން ވިޖޭ އާއި ރަޝްމިކާގެ ކައިވެނީގެ ހަފުލާ އަށް ފަހު ދެ ރިސެޕްޝަނެއް ބާއްވަން ވެސް ހަމަޖެހިފައިވާ ކަމަށެވެ. އެއީ ދެކުނުގެ ފިލްމީ ދާއިރާގެ މީހުންނަށް ހައިދަރުއާބާދުގައި ބާއްވާ ރިސެޕްޝަނަކާއި ބޮލީވުޑްގެ މީހުންނަށް ހާއްސަކޮށްގެން މުމްބާއީގައި ބާއްވާ ރިސެޕްޝަނެކެވެ.
ދެކުނުގެ ފިލްމުތަކުން ވިދި ރަޝްމިކާ އަކީ މިހާރު ބޮލީވުޑުން ވަރަށް ގިނަ ފުރުސަތުތަކެއް ލިބެމުން އަންނަ ބަތަލާއެކެވެ. "ޕުޝްޕާ" ފަދަ ދެކުނުގެ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ބަތަލާގެ ކާމިޔާބު ހިންދީ ފިލްމުތަކުގެ ތެރޭގައި "އެނިނަލް" އާއި "ޗާވާ" އަދި "ތާމާ" ފާހަގަކޮށްލެވެ އެވެ.
ވިޖޭ ވެސް ބޮލީވުޑްގެ ފިލްމެއް ކުޅެފައިވެ އެވެ. އެއީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ 2022 ގެ "ލައިގާ" އެވެ.
ވިޖޭ، 36، އާއި ރަޝްމިކާ، 29، ކައިވެނި ކުރަން ތައްޔާރުވަމުން އަންނަ އިރު، ދެ ތަރިން އަންނަނީ އެކީގައި ތިން ވަނަ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ މި އަހަރުގެ ސެޕްޓެމްބަރުގައި ރިލީޒް ކުރަން ހަމަޖެހިފައިވާ "ރާނާބާލީ" އެވެ. އެ މީހުން އެކީގައި ކުރިން ކުޅެފައިވާ ފިލްމުތަކަކީ 2018 ގެ "ގީތާ ގޯވިންދަމް" އާއި 2019 ގެ "ޑިއާ ކޮމްރޭޑް" އެވެ.