ދުނިޔެ އާއި އާޚިރަތުގައި ތަޤްވާވެރިންނަށް ހުރި ނިޢުމަތާއި އަޖުރުގެ އުފާވެރި ޚަބަރު ﷲ ޞުބްޙާނަހޫ ވަތަޢާލާވަނީ ދެއްވާފަ އެވެ. ކީރިތި ޤުރުއާނުގެ އެތައް ތަނެއްގައި ތަޤްވާވެރިންނަށް ހުރި އަޖުރާއި ޘަވާބު ބަޔާން ކުރައްވާފައިވެ އެވެ. އެހެންކަމުން، އަޅުގަނޑުމެންނަކީ ވެސް ތަޤްވާވެރިކަމުން ޒީނަތްތެރިވެ، ތަޤްވާވެރިކަމުގެ ޘަވާބާއި އަޖުރު ލިބުމަށް މަސައްކަތްކުރާ ބަޔަކުކަމުގައި ވާންވާނެ އެވެ.
ތިރީގައި މި ބަޔާންކޮށް ލަނީ ކީރިތި ޤުރުއާނުގައި ތަޤްވާވެރިންނަށް ހުރި އަޖުރާއި ޘަވާބުގެ ވާހަކަ ޛިކުރު ކުރައްވާފައިވާ ބައެއް އާޔަތްތަކެވެ.
* ތަޤްވާވެރިންނާ އެކު ﷲ ވޮޑިގެންވުން: އެކަލާނގެ ވަޙީކުރައްވާފައިވެ އެވެ. (إِنَّ اللَّـهَ مَعَ الَّذِينَ اتَّقَوا وَّالَّذِينَ هُم مُّحْسِنُونَ)[1] މާނައީ: “ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، تقوى ވެރިވި މީހުންނާ އެކުގައެވެ. އަދި إحسان ތެރިންނާވެސް އެކުގައެވެ.“.
ﷲ ޞުބްޙާނަހޫ ވަތަޢާލާގެ ލޯބިވޮޑިގަތުން ލިބުން: އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. (إِنَّ اللَّـهَ يُحِبُّ الْمُتَّقِينَ) މާނައީ: ”ހަމަކަށަވަރުން، تقوى ވެރިންދެކެ، اللَّه ލޯބިވެވޮޑިގެންވެއެވެ“.
* ފާފަ ފުއްސެވުން: ﷲ ޞުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَمَن يَتَّقِ اللَّـهَ يُكَفِّرْ عَنْهُ سَيِّئَاتِهِ وَيُعْظِمْ لَهُ أَجْرًا)[2] މާނައީ: ”އަދި اللَّه އަށް تقوى ވެރިވެއްޖެމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާގެ ކިބައިން އޭނާގެ ކުށްތައް ފުއްސަވާނެތެވެ. އަދި އެކަލާނގެ އޭނާއަށް ދަރުމަ ބޮޑުކުރައްވާނެތެވެ“.
* ކަންކަމުގައި ފަސޭހަކޮށްދެއްވާ ލުއިކޮށްދެއްވުން: ﷲ ޞުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَمَنْ يَتَّقِ اللهَ يَجْعَلْ لَهُ مِنْ أَمْرِهِ يُسْرًا)[3] މާނައީ: “ އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ.“
* މުޞީބާތްތަކާއި އުނދަގޫތަކުން ދުރުކޮށް ދެއްވުން: އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. (وَمَنْ يَتَّقِ اللهَ يَجْعَلْ لَهُ مَخْرَجًا)[4] މާނައީ: “ އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ.“
* ރިޒްޤު ތަނަވަސްކޮށް ދެއްވުން: ﷲ ޞުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ)[5] މާނައީ: ”އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާ ފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް رزق ދެއްވާނެތެވެ.
* ޢަޛާބާއި އުޤޫބާތްތަކުން މިންޖުކޮށް ދެއްވުން: އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. (ثُمَّ نُنَجِّي الَّذِينَ اتَّقَوْا)[6] މާނައީ: ”ދެން ތިމަންރަސްކަލާނގެ تقوى ވެރިވީ މީހުން ސަލާމަތް ކުރައްވާހުށީމެވެ“
* ދުނިޔެ އާއި އާޚިރަތުގައި ކާމިޔާބު ލިބުން: ﷲ ޞުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެ އެވެ. (وَاتَّقُوا اللهَ لَعَلَّكُمْ تُفْلِحُونَ)[7] މާނައީ: “އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ“.
މީގެ އިތުރުން ވެސް ތަޤްވާވެރިންނަށް ގިނަގުނަ ޘަވާބާއި އަޖުރުލިބިގެންދާނެކަމުގެ އުފާވެރި ޚަބަރު ކީރިތި ޤުރުއާނުގެ އެތައް ތަނެއްގައި ބަޔާންކުރައްވާފައިވެއެވެ. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނީ ތަޤްވާވެރި ބަޔަކުކަމުގައި ލައްވާ، މަތިވެރި ޘަވާބާއި އަޖުރު ޚާޞިލްވާ ބަޔަކު ކަމުގައި ލެއްވުމެވެ. އާމީން!
މަސްދަރު: އިލްމު.އެމްވީ