ސިހުރި ހަދާ ކަމަށް ބުނެ އިންޑިއާގެ އަންހެނަކު، އޭނަގެ 10 އަހަރުގެ ދަރިފުޅާ އެކު އަންދާލައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ މިދިޔަ އަންގާރަ ދުވަހު ހިނގާފައި ވަނީ ޖާކަންދުގަ އެވެ. އަންހެން މީހާ ސިހުރު ހަދާ ބުނެ އޭނަގެ ފިރިހެން ދަރިފުޅާ އެކު ބަޔަކު ދެމައިން އަންދާލި ހާދިސާގައި އޭނަގެ ފިރިމީހާ ވެސް ވަރަށް ބޮޑަށް ފިހި، ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.
މި ހާދިސާއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައިވާ އިރު، ފުލުހުން އަންނަނީ އެކަމުގައި ޝާމިލުވާ ކަމަށް ބެލެވޭ އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
އިންޑިއާގެ ނެޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި 2000-2016 އާ ދެމެދު 2،500 އަށް ވުރެ ގިނަ މީހުން މަރާލާފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އަދި ސިހުރު ހެދުމުގެ މައްސަލަތައް އެންމެ ގިނައީ އިންޑިއާގެ ރަށްފުށުގުގެ ސަރަހައްދުތަކުގަ އެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ބިހާރްގައި ވެސް އާއިލާއެއްގެ ފަސް މީހަކު ސިހުރު ހަދާ ކަމަށް ބުނެ އެ މީހުންނަށް ބޮޑެތި އަނިޔާތައްކޮށް، އަންދާލާފައިވެ އެވެ.