Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

ދާލު އޭއީސީ އަށް މަލްޓިމީޑިއާ ސްޓޫޑިއޯއެއް

ދ. ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޒަމާނީ މަލްޓިމީޑިއާ ސްޓޫޑިއޯއެއް ހުޅުވައިފި އެވެ.

މިއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މާލީ އެހީތެރިކަމާއެކު ކުޑަހުވަދޫގެ ޖަމިއްޔާއެއް ކަމަށްވާ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ (ޔޫއައިއެސް) ގެ ފަރާތުން ތައްޔާރުކޮށް ދިން ސްޓޫޑިއޯއެކެވެ.

އެތަން މިހާރު ބޭނުން އަންނަ އިރު، މަލްޓި މީޑިއާ ސްޓޫޑިއޯ ހުޅުވަން ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފައިވެ އެވެ.

ޔޫއައިއެސްގ އިން ބުނީ ސްކޫލްގައި މަލްޓިމީޑިއާ ސްޓޫޑިއޯއެއް ހުޅުވީ އެ ސްކޫލްގެ ޕްރިންސިޕަލް ދެއްވި ހިޔާލަކާ ގުޅިގެން ކަމަށެވެ. އަދި އެކަން ކުރަން ބީއެމްއްލެގެ ފަންޑަށް ހުށައެޅެނީ ޖަމިއްޔާއެއް މެދުވެރިވެގެން ކަމަށް ވާތީ އެކަމުގައި އިސްނެގީ އެ ވެސް ޖަމިއްޔާއިން ކަމަށް ބުންޏެވެ.

ސްޓޫޑިއޯ ގާއިމުކޮށްފައި ވަނީ ތިންމަހެއްހާ ދުވަހުގެ ތެރޭގަ އެވެ.

ޔޫއައިއެސް އިން ބުނީ ދ. އަތޮޅު ތައުލީމީ މަރުކަޒުގައި ހުޅުވި މަލްޓިމީޑިއާ ސްޓޫޑިއޯއާ އެކު މިހާރު އެހެން ބަޔަކަށް ބަރޯސާ ނުވެ ދަރިވަރުން އަމިއްލައަށް މިހާރު ސްކޫލްގެ އެކިއެކި ލައިވް އިވެންޓެއް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި އެ ސްކޫލަކީ ވަރަށް ހުނަރުވެރި މޮޅު ދަރިވަރުންތަކެއް ތިބި ސްކޫލެއްކަން ވެސް ޖަމިއްޔާ އިން ފާހަގަކުރި އެވެ.

ދ. އަތޮޅު ތައުލީމީ މަރުކަޒަކީ 900 އެއްހާ ކުދިން ކިޔަވަމުން އަންނަ ސްކޫލެކެވެ.