Last Updated: June 5, 20:43
Friday, June 5, 2026
މުނިފޫހިފިލުވުން

ވީރުގެ ދެވަނަ ފިލްމުގައި އާ ބަތަލާއެއް

މިދިޔަ އަހަރުގެ ސްކައި ފޯސް އިން ބޮލީވުޑަށް ތައާރަފުވި ޒުވާން އެކްޓަރު ވީރް ޕަހަރިއާ ދެވަނަ ފިލްމަކަށް ތައްޔާރުވާން ފަށައިފި އެވެ.

މީޑިއާތަކުން ބުނީ އޭނަގެ އާ ފިލްމަކީ ކުރިން ޝާހްރުކް ޚާންގެ ރެޑް ޗިލީސް އެންޓަޓައިންމަންޓްގެ އިސް ވެރިއެއްގެ ގޮތުގައި މަަސައްކަތްކުރި ގޯރަވް ވަރުމާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އިން ހަދަން ނިންމާފައިވާ ފުރަތަމަ ފިލްމު ކަމަށެވެ.

ނަން އަދި ސާފު ނުވާ މި ފިލްމުން ވީރްއާ އެކު ފެންނާނީ އާ ބަތަލާއެކެވެ. އެއީ މަަޝްހޫރު ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ އަށް ބޮޑުބޭބެ ކިޔާ އާފިޔާ ސައީދެވެ. ވީރާއި އާފިޔާގެ ފިލްމު ޑައިރެކްޓް ކުރާނީ އަޕޫރްވާ ސިންގް ކަރްކީ އެވެ.

އޭނަ އަކީ 2023 ގައި ޒީ5 އިން ގެނެސްދިން މަނޯޖް ބަޕްޖާއީ ލީގަލް ޑްރާމާ ސިރްފް އޭކް ބަންދާ ކާފީ ހޭ ގެ ޑައިރެކްޓަރެވެ.

ބަތަލާ ތާރާ ސުތާރިއާ ރައްޓެހިވެގެން އުޅޭ ވީރުގެ ތައާރަފުވި ސްކައި ފޯސް އަކީ ބޮލީވުޑްގެ މިހާރުގެ އެންމެ ވަރުގަދަ ސްޓޫޑިއޯތަކުގެ ތެރޭގައި ހިމެނޭ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން މިދިޔަ އަހަރުގެ ޖެނުއަރީގައި ގެނެސްދިން ކާމިޔާބު ހަނގުރާމަ ފިލްމެކެވެ. ކާސްޓްގައި އަކްޝޭ އާއި ނިމްރަތު ކޯރް ވެސް ހިމެނޭ އެ ފިލްމުގައި ވީރްގެ ބަތަލާ އަކީ ސާރާ އަލީ ޚާނެވެ.

ވީރު އަކީ ބަތަލާ ޖާންވީ ކަޕޫރްގެ ލޯބުވެރިތާ ޝިކާރް ޕަހަރިއާގެ ކޮއްކޮ އެވެ.