Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ފިހާރަތަކުން ވިއްކާ ކާބޯތަކެތީގެ ކޮލިޓިއާ މެދު ކަންބޮޑުވުންތަކެއް!

ރާއްޖޭގެ ފިހާރަތަކުގައި ވިއްކަން ހުންނަ ކާބޯތަކެތި ވެސް ހަލާކުވެފައި ހުންނަކަމުގެ ކަންބޮޑުވުންތަކާ އެކު، އެފަދަ ބާވަތްތަކުގެ އިންސްޕެކްޝަން ވެސް ކުރިއަށް ގެންދިއުން ވަރަށް މުހިއްމުވެފައިވާ ކަމަށް ކުރިން ކެއާ ސޮސައިޓީގައި މަސައްކަތް ކުރެއްވި ފާތުމަތު އާފިއާ ވިދާޅުވެއްޖެ އެވެ.

މާލޭގެ ފިހާރައަކުން ރޭ އެނަ ގަތް ދޮންކެޔޮތަކެއް ހަލާކުވެފައިވާ ވާހަކަ އޭގެ ފޮޓޯއަކާ އެކު ސޯޝަލް މީޑިއާގައި ހިއްސާކުރައްވައި އާފިއާ ވިދާޅުވީ އެ ދޮންކެޔޮ ހުރީ ބޭރަށް ފެންނަން ހުރި ގޮތަށް ބަލާ އިރު، ރީއްޗަށް ދޮންވެފައި ކަމަށެވެ. ނަމަވެސް ތޮށިގަނޑު ނޮޅާލި އިރު، ދޮންކެޔޮ ހުރީ ކާން ހެޔޮނުވާ ވަރަށް ހަލާކުވެފައި ކަމަށް ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ މީގެ ކުރިން ވެސް ހަމަ މިފަދަ ތަޖުރިބާއެއް ކުރަން ޖެހުނު ކަމަށެވެ. އެގޮތުން މީގެ މަސްތަކެއް ކުރިން އޭނަގެ ފިރިމިހާ ފިހާރައަކުން ގަތް ޕެއާތަކެއް ކޮށާލި އިރު، އެތެރެ ހުރީ ރޯކޮށް، ފަނި ވެސް އަޅާފައި ކަމަށް އާފިއާ ވިދާޅުވި އެވެ.

އެހެންވެ މިހާރުގެ މާލޭގެ ފިހާރަތަކުން ގަންނަ އެފަދަ ބާވަތްތައް ކެއުމުގެ ކުރިން ވަރަށް ފަރުވާތެރިވާ ކަމަށް ވިދާޅުވި އެވެ.

އާފިއާ ވިފާޅުވީ ފިހާރަތަކުގައި ވިއްކަން ހުންނަ ރާއްޖެ އިން ބޭރުން އެތެރެކޮށްފައިވާ ތަކެތީގެ ކޮލިޓީއާ މެދު ބޮޑެތި ސުވާލު އުފެދިފައިވާތީ، ކެފޭ/ރެސްޓޯރަންޓް ފަދަ ތަންތަނު ވިއްކާ އެެއްޗެހީގެ ފެންވަރު ވަޒަން ކުރަން އިންސްޕެކްޓްކުރާހެން ފިހާރަތަކުގައި ވިއްކަން ހުންނަ ކާބޯތަކެތީގެ ބާވަތްތައް ވެސް އިންސްޕެކްޓް ކުރަން ޖެހިފައިވާ ކަމަށެވެ.

އާފިއާ ވިދާޅުވީ ސަރުކާރުން މިކަން ބަލާނެ ކަމަށް އުންމީދު ވެސް ކުރައްވާ ކަމަށެވެ.

އޭނަ ވިދާޅުވީ ކެންސަރު ފަދަ ބަލިތައް ޖެހެން މަގުފަހިވަނީ ހަމައެކަނި ޖަންކް ފުޑާއި ދުންފަތުގެ އިސްތިއުލާމު ކުރުން ފަދަ ކަންކަމާ ހެދި ނޫން ކަމަށެވެ. އެހެންވެ ފިހާރަތަކުން ވިއްކަން ހުންނަ ކާބޯތަކެއްޗާ މެދު ވަރަށް ފަރުވާތެރިވުން ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.