Last Updated: June 5, 18:06
Friday, June 5, 2026
ރިޕޯޓް

މުސްލިމުންގެ ހިސާބު ޖެހުމާއި ކުރެހުންތެރިކަން!

ހިސާބު ޢިލްމު ފަދަ މުހިއްމު ޢިލްމެއް ދުނިޔެއަށް ތައާރަފު ކުރުމުގައި މުސްލިމުންގެ މަގާމު އެއީ އޮޅިފައި ވާނެ ކަމެއް ނޫންކަން ކަށަވަރެވެ. އަދި މިކަމަކީ މިއަދު ދުނިޔޭގެ މިފަދަ ދާއިރާތަކުން ކުރިއަރާފައިވާ މުޖުތަމައުތަކުގައި ވެސް މުސްލިމުންނަށް ގިނަގުނަ ތައުރީފު ލިބޭ ކަމެކެވެ.

މުސްލިމުން އިންސާނިއްޔަތަށާއި ދުނިޔެއަށް ތައާރަފު ކުރި ހިސާބު އަދި ނުޖޫމީ އިލްމުގެ ބާވަތްތަކާއި، ކުރެހުންތެރިކަން އަދި އިމާރާތް ފަރުމާކުރުން ފަދަ ދުނިޔެވީ ކަންކަމަކީ މިހާރުގެ ދުނިޔެ ހުނަރުވެރިކަމުގެ ރޮނގުން ކުރިއެރުމަށް އެޅުނު މުހިއްމު ބިންގާތަކެއް ކަން އެއީ ޢިލްމީ ރޮންގުން ދުނިޔޭގެ ފުންނާބު އުސް މީހުން ދެބަސް ނުވާ ކަމެކެވެ.

މިގޮތުން، ހިސާބު ޢިލްމަށް ނަޒަރެއް ހިންގާލިއަސް މުސްލިމުން ދުނިޔެއަށް ތައާރަފު ކޮށްފައިވަނީ ހައިރާންވާފަދަ ކުރިއެރުން ތަކެކެވެ. މިސާލަކަށް، ހިސާބުގެ މުހިއްމު އަކުރެއް ކަމުގައިވާ ސުމެއް އެއީ އިންޑިއާގެ ސަރަހައްދުން އުފަންވި އެއްޗެއް ކަމަކު އާންމު ގޮތެއްގައި ހިސާބު ޖެހުމުގައި ސުމެއް ބޭނުން ކުރަން މުސްލިމުން ފެއްޓުން ފާހަގަ ކުރެވެ އެވެ.

ހަމައެހެންމެ، މުސްލިމު ހިސާބު މާހިރެއް ކަމުގައިވާ މުހައްމަދު އިބުނު މޫސާ އަލްޚަވާރިޒަމީ ގެ މަޝްހޫރު އުފެއްދުމެއް ކަމަށްވާ އަލްޖިބްރާއަކީ ހިސާބު އިލްމަށް ލިބިގެން ދިޔަ އާދަޔާ ހިލާފު ކުރިއެރުމެކެވެ. އަދި ހިސާބު ޢިލްމު ބޭނުން ކޮށްގެން މުސްލިމުން ނުޖޫމީ ޢިލްމަށް ގެނެސްދީފައިވާ ކުރިއެރުން ތަކުގެ ތެރޭގައި ވަގުތު ފަސޭހައިން ދަނެގަނެވޭ އާލާތްތައް ތައްޔާރު ކުރުމާއި، އިރު ކޭތަ އަދި ހަނދު ކޭތަ ހިފާނެ ދުވަސްތައް ކުރިއަށް ލަފާ ކުރުމާއި ތަރި އަދި ގުރަހަ ފަދަ ތަކެތި އުޑުގައި ހުންނާނެ ހިސާބު ކުރިއަށް ލަފާކުރުން ފަދަ މުހިއްމު ކަންތައްތައް ހިމެނެ އެވެ.

މީގެ އިތުރުން ވެސް، ހާއްސަ ކުރެހުންތެރިކަމާއި ފަރުމާކުރުން ފަދަ ކަންކަމުން އިންސާނިއްޔަތާއި އަދި ދުނިޔެ ވަނީ މުސްލިމުންގެ ސަބަބުން ނިހާޔަތަށް ކުރިއަރާފަ އެވެ. މިގޮތުން، އިސްލާމްދީން ފެށިގެން އައި ދުވަސްވަރު، ހަތްވަނަ ގަރުނުއްސުރެން، ސްޕެއިންގެ އިރުމަތިން ގޮސް އެފްރިކާގެ އުތުރުން ފެށިގެން އޭޝިއާ ބައްރުގެ ރަށްތަކާއި ހަމަޔަށް އިސްލާމްދީން ފެތުރިގެން ދިޔައިރު، އިސްލާމީ މިސަގާފަތް ވަނީ ދުނިޔޭގެ ބޮޑު ސަރަހައްދަކަށް ފެތުރިފަ އެވެ.

މުސްލިމުންގެ އާދަޔާ ހިލާފު ކުރެހުންތަކަށް ނަޒަރު ހިންގާލާއިރު އެންމެ ފާހަގަ ކުރެވޭ އެއްކަމަކީ އެތަކެތީގައި ދީނީ ކުލަ ޖެހިފައިވާ މިންވަރެވެ. އޭގެ ސަބަބުން އިސްލާމީ ކުރެހުންތައް ވަކިން ހާއްސަވެގެން ދެ އެވެ. އެއްކައުވަންތަ ﷲ ފިޔަވައި އެހެން އެއްވެސް މަހުލޫގަކަށް ނުވަތަ އެއްޗަކަށް އަޅުކަންކުރުމަކީ އިސްލާމްދީން ހުއްދަކުރާކަމެއް ނޫނެވެ. އެހެންކަމުން، އިސްލާމީ ކުރެހުންތަކުގައި ހިސާބު އިލްމު ބޭނުންކުރެވިފައި ވަނީ ވެސް ހަމަ މިބީދައިންނެވެ.

މިގޮތުން، އިސްލާމީ ކުރެހުންތަކަށް ބިނާކޮށް ފަރުމާކުރެވޭ ތަކެތީގައި މައިގަނޑު ބައްޓަންތަކުގެ ގޮތުގައި ބޭނުން ކުރެވެނީ ވައްބޮޅު، ހަތަރެސްކަން އަދި ތިނެސްކަނަށް ބިނާވެފައިވާ ބައްޓަން ތަކެވެ. މިފަދަ އާދައިގެ ބައްޓަންތައް ތަކުރާރު ކުރެވިގެން ހައިރާންވާފަދަ، ލޮލަށް ރީތި އަދި އެކުވެނި ކުރެހުންތައް ފަރުމާކުރެވެ އެވެ.

މިގޮތަށް، ވަރަށް އާދައިގެ ދެތިން ބައްޓަމެއް އެތަކެއް ފަހަރު ތަކުރާރު ކޮށް ބޭނުން ކުރެވިގެން ފަރުމާކުރެވޭ ފަރުމާކުރުންތަކުން އަންގައިދެނީ މިނިވަންކަމާއި، އެއްވެސް ހައްދެއްނެތި އެތަކެތި ކިތަންމެ ވަރަކަށްވެސް ބޭނުންކުރެވިދާނެ ކަމެވެ. އަދި، މިފަރުމާކުރުންތަކުގެ އެންމެ އާދަޔާ ހިލާފު އަދި އަޖައިބު ކުރަނިވި އެއްސިފަ އަކީ އެއް ބައްޓަމެއް އެތަކެއް ފަހަރު ތަކުރާރުކޮށް ބޭނުންކުރެވޭއިރު ހިސާބު އިލްމުގެ ޖިއޮމެޓްރީގެ ހަމަތަކަށާއި ޒަމާނީ ހިސާބު އިލްމުގެ އެހެނިހެން ވެސް ބައިތަކަށް އިސްލާމީ ކުރެހުންތައް ފެތޭ މިންވަރު ބޮޑުކަމެވެ.

އިސްލާމީ ކުރެހުންތަކުގެ ފުރިހަމަ ކަމާއި އެތަކެތީގައި ހިމެނޭ ހިސާބު ޢިލްމުގެ އެކުވެނި ކަމުން ޒަމާނީ ސައެންސްވެރިންނާއި އަދި އިލްމުވެރިން ވެސް ހައިރާން ކުރުވަ އެވެ. މިސާލަކަށް، އާދައިގެ ދެތިން ބައްޓަމެއް ބޭނުން ކޮށްގެން ފަރުމާކުރެވިފައިވާ އެއް ބައްޓަމަކީ އިނގިރޭސިބަހުން ކްއާޒިކްރިސްޓަލައިން ނަމަކަށް ކިޔާ ބައްޓަމެކެވެ. މިބައްޓަމުގެ އަދަޔާ ހިލާފު އެއްކަމަކީ މިފަރުމާގެ ކޮންމެ ހިސާބަކުން ބެލިއަސް އަދި ކޮންމެ ހިސާބަކުން ވައްބޮޅެއްގައި އަނބުރާލިއަސް ލޮލަށް ދައްކުވައިދޭ މަންޒަރަށް އެއްވެސް ބަދަލެއް ނައަންނަ ކަމެވެ.

މި ބައްޓަމާ ބެހޭ ތަފާތު ދިރާސާތައް އެމެރިކާގެ ޕްރިންސްޓަން އަދި ހާވަޑް ޔުނިވަރސިޓީގެ އިތުރުން އިނގިރޭސިވިލާތުގެ އޮކްސްފަރޑް ޔުނިވަރސިޓީގެ މަޝްހޫރު ހިސާބު އިލްމްވެރިއެއް ކަމަށްވާ ރޮޖަރ ޕެންރޯސް ވެސް ވަނީ ކުރިއަށް ގެންދަވާފަ އެވެ.

އާއެކެވެ. އިސްލާމްދީން ދުނިޔެއަށް ފާޅުވެ ދުނިޔޭގައި އެދީން ފުރަތަމަ ފުޅާވެގެން ދިޔަ ދުވަސްވަރުގައި ތަފާތު ޢިލްމުގެ ހުނަރުތަކުގެ އެންމެ ފުންނާބު އުސް މީހުންނަކީ އޭރުގެ މުސްލިމު މާހިރުންނެވެ. މިކަމުގެ މައިގަނޑު ސަބަބު ތަކުގެ ތެރޭގައި މުސްލިމުން އިސްލާމް ދީނަށް ކުރާ އިހްތިރާމާއި، މުސްލިމުންގެ އަގީދާގެ ވަރުގަދަ ކަމުގެ އިތުރުން މުސްލިމުން ތަފާތު އިލްމު އުނގެނުމާއި، ދިރާސާކުރުމާއި އަދި އާއީޖާތުތައް ކުރުމަށް އޭރު ފެންބޮވައިގެންފައިވީ މިންވަރު ފާހަގަކޮށްލަން ޖެހެ އެވެ.

އޭރުގެ މުސްލިމު އިލްމުވެރިން އިލްމު ހޯދުމާއި އިލްމު ފެތުރުމުގެ ބޭނުމުގައި ދުނިޔޭގެ އެކި އެކި ކަންކޮޅުތަކަށް ދަތުރު ފަތުރު ކޮށް ތަފާތު އިލްމީ މާހިރުންނާ ހިޔާލު ބަދަލު ކޮށް މައުލޫމާތުން ފުރިގެންވާ ލިޔެކިޔުންތައް އެއްކޮށް އުޅުން އެއީ ވަރަށް އާންމު ކަމެކެވެ.

އިސްލާމީ ދުނިޔޭގައި ހިސާބު ޢިލްމު ބޭނުންކޮށްގެން ތައްޔާރުކުރެވޭ ފަރުމާ ކުރުންތަކަކީ، އެއްވެސް ބަދަލެއް ނެތި އަދި އެއްވެސް ތަފާތެއް ނެތި ކޮށްފައި ފަރުމާކުރުންތަކަކަށް ވީނަމަވެސް، ފާއިތުވި ގަރުނުތަކުގެ ތެރޭގައި، ހުޅަނގުގެ މާހިރުންވަނީ މިފަދަ ފަރުމާތަކަށް ގިނަގުނަ އުނިއިތުރުތައް ގެނައުމަށް ފަހު އާންމުންނާއި ހަމައަށް އެތަކެތި ފޯރުކުރަން ފަށާފަ އެވެ. އަދި މިހާރަކަށް އައިސް ހުޅަނގުގެ މިފަދަ ކުލަތައް ޖެހިފައިވާ ކުރެހުންތަކާއި ފަރުމާތައް އިސްލާމީ ދުނިޔޭގެ ކަންކޮޅުތަކުން ވެސް ފެނެ އެވެ.

މިސާލަކަށް، ދުބާއީގައި ކުރެވޭ ބޮޑެތި ބިނާތަކުގައި އަދި މައްކާގެ ހަރަމްފުޅުގެ ބައިތަކަށް ގެނެވޭ ޒަމާނީ ބަދަލު ތަކުގެ ތެރޭގައި އިސްލާމީ ސަގާފަތް ދައްކުވައިދޭ ފަރުމާތަކަށް ދެވޭ އިސްކަން ކުޑަކަން ފާހަގަ ކުރެވެ އެވެ.

މިއީ މުސްލިމުން މިކަމާ މެދު ފުންކޮށް ވިސްނާލުން މުހިއްމު ނުކުތާއެކެވެ.

ނޯޓް: މިއީ ޕްރޮފެސަރު ހަސަން އުގައިލްގެ ލިޔުއްވުމެކެވެ.