ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ދައުރު ދެބައި ވެސް ނުވަނީސް ސަރުކާރު ގޯސްވެގެން ކަމެއް ކޮށް ނުދެވުނު ކަމަށް ދައްކަން އެމްޑީޕީން ކުރާ މަސައްކަތަކީ ހީލަތްތެރި މަސައްކަތެއް ކަމަށާއި ކޮންމެ ގޮތެއް ހަދާފަވެސް ބޭނުންވެގެން އުޅެނީ ބާރާއި ވެރިކަން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އަައްޑޫ ފޭދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އެ ޕާޓީ އަށް ފާޑު ވިދާޅުވެއްޖެ އެވެ.
އޭނަ މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުން ކުރިން ވެސް އެމްޑީޕީ އަށް ވެރިކަން ދިން ކަމަށެވެ.
"މަޖިލިސްވެސް ދިނިން. ކައުންސިލް މޭޔަރުކަމާއީ ކައުންސިލްގެ އަގުލަބިއްޔަތުވެސް ދިނިން،" ނިޒާރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ އެ ހުރިހާ ބާރެއް ދިން އިރު ވެސް އައްޑޫ ކަރަންޓުގެ މައްސަލަ ހައްލު ނުވެ، ހާލަތު އިތުރަށްވީ ގޯސް ކަމަށެވެ.
"އައްޑޫ ފެނުގެ ހާލަތު ގޯސް ވަމުންގޮސް އެއްކޮށް ހުއްޓުނު. ހައްލުކޮށް ނުދެވުނު. އައްޑޫ ލިންކް ރޯޑް މަރާމާތު ނުކުރެވުނު. އައްޑޫ ފަތުރުވެރިކަން ކުރިނޭރުވުނު. ހަންކެޑެ ވެސް، ޝަންގްރިލާ ރިސޯޓްވެސް ނުހުޅުވުނު،" ނިޒާރު ވިދާޅުވި އެވެ. "ހޮސްޕިޓަލްގެ ކެތު ލެބު ވެސް ނުހުޅުވުނު. ރަށުގައި ތިބެގެން ހިލޭ އައިނު ލިބޭނެ ގޮތެއް ވެސް ހޯދައި ނުދެވުނު. ދުނިޔޭގެ އެއްވެސް މަންޒިލަކުން ފްލައިޓެއް ނުގެނުވުނު."
އޭނަ ވަނީ އެމްޑީޕީގެ ކުރީގެ ސަރުކާރުގައި ހުރިހާ ބާރެއް އޮވެ ފަސް އަހަރުގެ ދައުރެއް ނިމުނު އިރު ނުވި ކަންކަން ކޮށްދޭންތޯ މިއަދު އޮތް ކައުންސިލް ބޭނުންވެގެން މިއުޅެނީތޯ ވެސް ސުވާލު ކުރައްވާފަ އެވެ.
"އަދި ދައުރު ދެބައިނުވާ ސަރުކާރެއް ގޯސްވެގެން ކަމެއްކޮށް ނުދެވުނު ކަމަށް ދައްކަން ކުރާ މަސައްކަތަކީ ހީލަތްތެރި މަސައްކަތެއް. ކޮންމެ ގޮތެއް ހަދާފައި ވެސް ބޭނުން ވަނީ ބާރާއި ވެރިކަން،" ނިޒާރު ވިދާޅުވި އެވެ. "ރައްޔިތުން ވިސްނަވާ."