މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް 300 މިލިއަން ޑޮލަރަށް ވުރެ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭއިން ހާމަކޮށްފައިވާ މިދިޔަ މަހުގެ ރިޒާވު އަދަދުތަކުން ދައްކާ ގޮތުގައި ޖުމްލަ ރިޒާވު ހުރީ 1.03 ބިލިއަން ޑޮލަރުގަ އެވެ. މިދިިޔަ އަހަރު ނިންމާލިއިރު މިއަދަދު ހުރީ 983.04 މިލިޔަން ޑޮލަރުގަ އެވެ. މިއީ 4 އިންސައްތައިގެ ކުރިއެރުމެކެވެ.
ރަސްމީ ރިޒާވްގެ އިތުރުން ޔޫޒަބަލް ރިޒާވްވެސް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު އިތުރުވެފަ އެވެ.
އެގޮތުން މިދިޔަ އަހަރު ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 244.1 މިލިއަން ޑޮލަރުގައި ކަމަށްވާއިރު، މި އަހަރުގެ ޖަނަވަރީ މަސް ނިމުނުއިރު އެއަދަދު 301.4 މިލިޔަން ޑޮލަރަށް ވަނީ އަރާފަ އެވެ. މިއީ 25 އިންސައްތައިގެ ކުރިއެރުމެކެވެ.