Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ދިވެހިންގެ އެހީގައި ގާޒާގައި ވަގުތީ އިތުރު މިސްކިތެއް

ދިވެހިންގެ އެހީގައި ފަލަސްތީނުގެ ގާޒާގައި ވަގުތީ އިތުރު މިސްކިތެއް ބިނާކޮށްފި އެވެ.

ޚިދުމަތް ޖަމިއްޔާއިން ބުނިގޮތުގައި މި މިސްކިތުގައި ރޭ ވަނީ ނަމާދުކުރަން ފަށާފަ އެވެ. މިއީ އެ ޖަމިއްޔާގެ ފަރާތުން ގާޒާގައި ބިނާކުރި ވަގުތީ ހަތްވަނަ މިސްކިތެވެ.

މި މިސްކިތް އެޅުމުގެ ބޭނުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށް ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އަދި ނަމާދު ކުރުމުގެ އިތުރުން، މިސްކިތުގައި ކުޑަކުދިންނަށް ޤުރުއާން ކިޔަވައިދިނުމުގެ މަސައްކަތްތައް ވެސް ކުރިއަށް ދާނެ ކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދެ އެވެ.

ޚިދުމަތް ޖަމިއްޔާގެ ޓީމުން ގާޒާގައި ކުރަމުންދާ މަސައްކަތްތަކަކީ ނުހަނު ބުރަ އަދި ނުރައްކާތެރި މާހައުލެއްގައި ކުރަމުންދާ މަސައްކަތްތަކެއްކަން ފާހަގަކުރަމުން އެ ޖަމިއްޔާއިން ވަނީ އެ ޓީމުން ކޮންމެ ދުވަހަކުވެސް ވަރަށް ހިތްވަރާއެކު މި އިންސާނީ ޚިދުމަތުގައި ދެމިތިބެ، ދިވެހިންގެ އެހީތެރިކަން ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ކަމަށް ބުނެފަ އެވެ.