Last Updated: June 5, 18:06
Friday, June 5, 2026
ރިޕޯޓް

ރަމަޟާން މަހު ޝައިޠާނުން ކަސްތޮޅު އެޅުވުން!

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ރަމަޟާން މަހަކީ ވަރަށް ޚާއްޞަ މައްސަރެކެވެ. ﷲ ތަޢާލާވަނީ ވަރަށް ގިނަ ގޮތް ގޮތުން އެ މަސް މާތް ކުރައްވައި މަތިވެރިކުރައްވައިފަ އެވެ. އެ މަހަށް ލިބިގެންވާ ޚާއްޞަ ކަންކަމުގެ ތެރޭގައި އެ މަހުގައި ޝައިޠާނުން ކަސްތޮޅު އެޅުވުން ހިމެނެއެވެ.

ޖިންނި ޝައިޠާނުންގެ ޢާލަމަކީ ޣައިބުގެ ޢާލަމެކެވެ. އެފަދަ ޢާލަމްތަކުގެ ކަންތައްތައް ދެނެގަނެވޭނެ އެންމެ ކަށަވަރު މަގަކީ ކީރިތި ޤުރުއާނާއި ރަސޫލާ صلى الله عليه وسلم ގެ ސުންނަތެވެ. އެހެނީ ސިއްރާއި ފާޅުގައި ހިނގާ ހުރިހާ ކަމެއް ﷲ ތަޢާލާ ދެނެވޮޑިގެންވެ އެވެ. އަދި ބިމުގައިވިޔަސް އުޑުގައިވިޔަސް އެއްވެސް ކަމެއް އެއިލާހަށް ވަންހަނާވެގެން ނުވެ އެވެ. ނަބިއްޔާ صلى الله عليه وسلم ވަނީ ޖިންނީންނާ ބެހޭ ބައެއް ޚަބަރުތައް އަޅުގަނޑުމެންނަށް ދެއްވައިފަ އެވެ. އެގޮތުން ރަމަޟާން މަހު ޝައިޠާނުން ކަސްތޮޅު އެޅުވޭނެކަމުގެ ޚަބަރު އެކަލޭގެފާނު ވަނީ ދެއްވައިފަ އެވެ.

މިކަމާ ބެހޭ ގޮތުން އައިސްފައިވާ ބައެއް ޙަދީޘްތައް މިތަނުގައި ޛިކުރުކޮށްލާނަމެވެ.

* އަބޫ ހުރައިރާ رضي الله عنه ވިދާޅުވިއެވެ. ހަމަކަށަވަރުން ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((إِذَا جَاءَ رَمَضَانُ فُتِحَتْ أَبْوَابُ الْجَنَّةِ، وَغُلِّقَتْ أَبْوَابُ النَّارِ، وَصُفِّدَتِ الشَّيَاطِينُ)) [رواه مسلم (1 – (1079))]

މާނައީ: “ރަމަޟާން މަސް އައުމުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. އަދި ޝައިޠާނުން ކަސްތޮޅު އެޅުވެއެވެ.”

* އަދިވެސް ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން އަބޫ ހުރައިރާ رضي الله عنه ރިވާކުރެއްވި އެހެން ރިވާޔަތެއްގައިވެއެވެ.

((إِذَا كَانَ أَوَّلُ لَيْلَةٍ مِنْ رَمَضَانَ صُفِّدَتِ الشَّيَاطِينُ مَرَدَةُ الْجِنِّ، وَغُلِّقَتْ أَبْوَابُ النَّارِ، فَلَمْ يُفْتَحْ مِنْهَا بَابٌ، وَفُتِّحَتْ أَبْوَابُ الْجِنَانِ، فَلَمْ يُغْلَقْ مِنْهَا بَابٌ، وَنَادَى مُنَادٍ: يَا بَاغِيَ الْخَيْرِ أَقْبِلْ، وَيَا بَاغِيَ الشَّرِّ أَقْصِرْ، وَلِلَّهِ عُتَقَاءُ مِنَ النَّارِ)). [رواه الترمذي (682) وابن ماجة (1642) وابن خزيمة (1883) وابن حبان (3435) والحاكم (1532)، وإسناده حسن، من أجل أبو بكر بن عياش وهو ثقة عابد إلا أنه لما كبر ساء حفظه (انظر: التقريب لابن حجر (1/624) برقم: (7985) وصحيح ابن خزيمة مع تحقيق الأعظمي (2/907) برقم: (1883))]

މާނައީ: “ރަމަޟާން މަހުގެ އެންމެ ފުރަތަމަ ރޭގައި ޝައިޠާނުން ކުރެ މާރިދު ޖިންނީން ކަސްތޮޅު އެޅުވެއެވެ. އަދި ނަރަކައިގެ ދޮރުކޮޅުތައް ބަންދު ކުރެވެއެވެ. އަދި އެއިން އެއްވެސް ދޮރެއް ނުހުޅުވޭނެއެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި އެއިން އެއްވެސް ދޮރެއް ބަންދެއް ނުކުރެވޭނެއެވެ. އަދި ގޮވާލާ ފަރާތެއް ގޮވާލާނެއެވެ. އޭ ހެޔޮކަމަށް އެދޭ މީހާއެވެ. އަންނާށެވެ. އޭ ނުބައިކަމަށް އެދޭ މީހާއެވެ. ހުއްޓާލާށެވެ. އަދި ތަޢާލާ، (އެ މައްސަރުގައި) ބަޔަކު ނަރަކައިން މުއްތި ކުރައްވާނެއެވެ.”

– ފުރަތަމަ ޙަދީޘްގައި އައިސްފައި އެވަނީ الشَّيَاطِينُ (ޝައިޠާނުން) ކަސްތޮޅު އެޅުވޭނެކަމެވެ.
– ދެވަނަ ޙަދީޘްގައި ވަނީ ޝައިޠާނުން ކުރެ ކަސްތޮޅު އެޅުވޭނީ مَرَدَةُ الْجِنِّ (މާރިދު ޖިންނީން) ކަމެވެ.

މި ދެ ޙަދީޘުން އެނގޭ ގޮތުގައި ޝައިޠާނުން ކުރެ ކަސްތޮޅު އެޅުވެނީ ވަކި ބައެކެވެ. އެއީ އެސޮރުމެންގެ ތެރެއިން މާރިދުންނެވެ.

މިކަމާ ބެހޭގޮތުން އިބްނު ޚުޒައިމާ رحمه الله އެކަލޭގެފާނުގެ ޞަޙީޙުގައި ވިދާޅުވިއެވެ.

“ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްގައި ޝައިޠާނުން ކަސްތޮޅު އެޅުވޭ ވާހަކަ އެކަލޭގެފާނު ބަޔާންކުރެއްވިއިރު، އޭގެ މުރާދަކީ ޖިންނީންކުރެ މާރިދުންކަން ބަޔާންކޮށްދިނުން: އެއީ ހުރިހާ ޝައިޠާނުންނެއް ނޫނެވެ.”

މާރިދުންނަކީ ނުބައިކަމުގައިވެސް ހައްދު ފަހަނައަޅާދާ ޝައިޠާނުންނެވެ.

ތަޢާލާ ވަޙީކުރެއްވިއެވެ.

إِنَّا زَيَّنَّا السَّمَاءَ الدُّنْيَا بِزِينَةٍ الْكَوَاكِبِ ﴿٦﴾ وَحِفْظًا مِّن كُلِّ شَيْطَانٍ مَّارِدٍ ﴿٧﴾ [سورة الصافات: ٦–٧]

މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު، އަލިގަދަ ތަރިތަކުގެ ޒީނަތްތެރިކަމުން އެންމެ ކައިރި އުޑު ޒީނަތްތެރި ކުރެއްވީމެވެ. އަދި ކޮންމެ މާރިދު ޝައިޠާނެއްގެ ކިބައިން އެ އުޑު ރައްކާތެރިކުރެއްވީމެވެ.”

މި އާޔަތްތަކުގައި މި ވަނީ އެސޮރުމެން ކުރެ މާރިދުން އުޑުން ޚަބަރު ހޯދަން މަސައްކަތް ކުރުމުން ގިނި ހިލަ ފޮނުއްވާ އެސޮރުމެން ހަލާކުރައްވާ ވާހަކައެވެ.

ރަމަޟާން މަހުގައި އެފަދަ ޝައިޠާނުން ކަސްތޮޅު އެޅުވުމުގެ ޙިކުމަތަކީ އެމައްސަރުގައި ޝައިޠާނުންގެ ނުބައިކަން ކުޑަކުރެއްވުމެވެ.

ބައެއް މީހުންނަށް މިޙަދީޘުން ދެ ކަމެއް އޮޅުން އަރައެވެ.

ފުރަތަމައީ: މިޙަދީޘްތަކުގައި ޝައިޠާނުން ކަސްތޮޅު އެޅުވޭ ވާހަކަ އައިސްފައިވާއިރު ރަމަޟާން މަހުގައި ބައެއް މީހުން ޖިންނި މޮޔަވަނީ ކީއްވެ ހެއްޔެވެ؟

ޖަވާބު: ކުރިން ދެންނެވުނު ފަދައިން ރަމަޟާން މަހު ކަސްތޮޅު އެޅުވެނީ ހުރިހާ ޝައިޠާނުންނެއް ނޫނެވެ. ކަސްތޮޅު އެޅުވެނީ މާރިދު ޖިންނީން އެކަންޏެވެ. އެހެންކަމުން ރަމަޟާން މަހުގައިވެސް ޝައިޠާނުން އުޅޭނެއެވެ.

ދެވަނައީ: ރަމަޟާން މަހުގައި ޝައިޠާނުން ކަސްތޮޅު އެޅުވުމުން ވެސް މީސްތަކުން ފާފަކުރަނީ ކީއްވެ ހެއްޔެވެ؟

ޖަވާބު: މި ސުވާލުގެ ޖަވާބުގައި ޢިލްމުވެރިން މައިގަނޑު ތިން ޖަވާބެއް ދެއްވަ އެވެ.

1. ރަމަޟާން މަހު ޝައިޠާނުންގެ ކިބައިން ރައްކާތެރިވަނީ ރޯދަ ހިފަން އަންގަވާފައިވާ ގޮތުގައި ރޯދަ ހިފާ މީހުންނެވެ.
2. މީސްތަކުން ފާފަތައް ކުރަނީ ހަމައެކަނި ޝައިޠާނުންގެ ސަބަބުންނެއް ނޫނެވެ. އެކަމުގައި އެހެން ސަބަބުތައް ވެސް ހިމެނެއެވެ. އޭގެ ތެރޭގައި: އަމިއްލަ ނަފްސުގެ ނުބައިކަމާއި ނުބައި އާދަކާދަ އަދި އިންސީންގެ ތެރެއިންވާ ޝައިޠާނުން ވެސް ހިމެނެއެވެ.
3- ކަސްތޮޅު އެޅުވެނީ ކުރިންވެސް ބަޔާންކޮށްފައިވާ ފަދައިން ހަމައެކަނި މާރިދު ޖިންނީންނެވެ. ހުރިހާ ޝައިޠާނުންނެއް ނޫނެވެ.

ޚުލާޞާއަކީ ރަމަޟާން މަހުގައި އެސޮރުމެންގެ ނުބައިކަން ކުޑަވެގެންދާނެ އެވެ.

ނޯޓް: މިއީ ޑރ. ޢިމްރާން މުޙައްމަދު ޢަލީގެ ލިޔުއްވުމެކެވެ.