ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލްސައުދުގެ އެހީގައި ކޮންމެ ދުވަހަކު ރޯދަ ވީއްލުން ހަދިޔާކުރުމުގެ މަޝްރޫޢު ރާއްޖޭގައި ފަށައިފި އެވެ.
އެ މަޝްރޫޢު އިފްތިތާހު ކުރުމަށް މިއަދު ހަވީރު އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު އެވެ.
އެ މަޝްރޫޢުގެ ދަށުން ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލްސައުދުގެ އެހީގައި ކޮންމެ ދުވަހަކު 150މީހުންނަށް ރޯދަ ވީއްލުން ހަދިޔާކުރާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ މި ޙަރަކާތަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ މުހިންމު ކަންކަން ދެ ގައުމުގެ މެދުގައި ކުރިއަށް ގެންދާނެ ކަމަށެވެ.
މި ޕްރޮގްރާމަކީ ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑަންސްގެ ބެލުމުގެ ދަށުން ދުނިޔޭގެ އެކި ގައުމުތަކުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.