ގެއްލިގެން ހޯދަމުންދިޔަ އިބްރާހީމް އިމްތިޔާޒް ޢަލީ، ރޭގެ ވަގުތެއްގައި ފުލުހުންގެ އިދާރާއަށް ހާޒިރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިމްތިޔާޒު ހޯދަމުން އަންނަކަން ހާމަކޮށް ފުލުހުން މިދިޔަ ހުކުރު ދުވަހު ބުނީ މި މަހުގެ 13 ވަނަ ދުވަހު މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި އިމްތިޔާޒް ގޭގައި އުޅެނިކޮށް އާއިލާގެ މެމްބަރުންނަށް ފެނިފައިވާ ކަމަށެވެ. ނަމަވެސް އެ ދުވަހު ގެއިން ބޭރަށް ދިޔަ ފަހުން ހަބަރެއް ނުވެ ގެއްލިފައިވާކަމަށް މި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު 17:15 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އިމްތިޔާޒު ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވެފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.