ނިއުކާސަލް ޔުނައިޓެޑް އަތުން 2-1 އިން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލްއާ ދެ ޕޮއިންޓަށް މެންޗެސްޓާ ސިޓީން ގާތްކޮށްފި އެވެ.
ލީގުގެ އެއް ވަނައިގައި އޮތް އާސެނަލަށް 27 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ސިޓީ އަށް ވަނީ 27 މެޗުން 56 ޕޮޮއިންޓް ލިބިފަ އެވެ. އާސެނަލުން މިރޭ ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭއިރު، މި މެޗުން މޮޅުވެގެން އާސެނަލަށް އެއް މެޗު އިތުރަށް ކުޅެ، ފަސް ޕޮއިންޓުގެ ލީޑެއް ނެގޭނެ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 14 ވަނަ މިނެޓްގައި ސިޓީއަށް ލީޑު ނަގައިދިނީ އެޓީމުގެ ޒުވާން ޑިފެންޑަރު، ނިކޯ އޯރައިލީ އެވެ. މިއީ އޮމަރު މާމޫޝް ދިން ބޯޅައަކުން އޯރައިލީ ކާމިޔާބުކުރި ގޯލެކެވެ. ނިއުކާސަލުން ވަނީ 22 ވަނަ މިނިޓްގައި ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ، ޖޭކަބް ރަމްސޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ލެވިސް ހޯލް ޖެހި ގޯލެކެވެ. ނަމަވެސް އޭގެ ފަސް މިނެޓް ފަހުން އޯރައިލީ ވަނީ އިތުރު ގޯލެއް ޖަހައި، އަލުން ސިޓީ އަށް ލީޑުނަގައިދީފަ އެވެ.
ނިއުކާސަލަށް އިތުރު ގޯލެއް ޖަހައިދޭން ހާވީ ބާންސް އާއި ނިކް ވޯލްޓަމާޑާ މަސައްކަތްކުރިއިރު، ލީޑު ފުޅާކޮށްލަން ސިޓީގެ ފޯވާޑް އާލިން ހާލަންޑް އާއި އެންޓޮއިން ސެމެންޔޯއަށް ވެސް ފުރުސަތުތަކެއް ލިބިފައިވެ އެވެ.
ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ބާންލީ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.