އިންޑިއާގެ ސުޕަސްޓާރުން ކަމަށްވާ ރަޖްނީކާންތާއި ކަމަލް ހަސަން ވަރަށް ގިނަ އަހަރުތަކެއް ފަހުން އަލުން އެކީގައި ފިލްމަކަށް ތައްޔާރުވެއްޖެ އެވެ.
ނަން އަދި ރަސްމީކޮށް އިއުލާން ނުކޮށް، މީގެ ޕްރޮމޯއެއް ދެ ތަރިން ހިމަނައިގެން އިއްޔެ އާންމުކޮށްފައިވާ އިރު، އޭގައި ބުނެފައި ވަނީ ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. ރެޑް ޖަޔަންޑް މޫވީސް އިން ޕްރޮޑިއުސްކުރާ މި ފިލްމު ލިޔެ، ޑައިރެކްޓް ކުރަނީ ރަޖްނީކާންތުގެ 2023 ގެ 'ޖެއިލާ' ގެނެސް ދިނުމަށް ފަހު އޭގެ ދެވަނަ ބައި ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ނެލްސަން ދިލިޕްކުމާރެވެ.
އިންޑިއާގެ ދެކުނަށް ނިސްބަތްވާ އެންމެ ނުފޫޒު ގަދަ ތަރިންގެ ތެރޭގައި ހިމެނޭ ރަޖްނީކާންތު، 75، އާއި ކަމަލް ހަސަން، 71، އެކީގައި ގިނަ ތަމަޅަ ފިލްމުތަކެއް 1970 އާއި 1980 ގެ ތެރޭގައި ކުޅެފައިވެ އެވެ. އަދި ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި ވެސް ދެ ތަރިން އެކީގައި މަސައްކަތްކޮށްފައިވެ އެވެ.
އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ ކާސްޓްގައި އަމީތާބް ބައްޗަން ވެސް ހިމެނޭ 1985 ގެ 'ގިރިފްދާރު' އެވެ.
ކަމަލް ހަސަންގެ އެންމެ ފަހުގެ މިިދިޔަ އަހަރުގެ 'ތަގް ލައިފް' އެވެ. އަދި ރަޖްނީކާންތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ 'ކޫލީ' އެވެ.
ދެ ތަރިން އެކީގައި ކުޅޭ ފިލްމެއް އިއުލާންކުރި ނަމަވެސް އެ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި ހާމައެއް ނުކުރެ އެވެ.