ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކީގައި ބޭއްވުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން އުޅުމަކީ މި ސަރުކާރުން ހިންގާ ބޮޑު ސްކޭމެއް ކަމަށް މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދުދީދީ ވިދާޅުވެއްޖެ އެވެ.
އެހެންވެ އެ ވޯޓްގައި އެއްވެސް ރައްޔިތަކު ބައިވެރި ނުވާންނ ދީދީ ގޮވާލެއްވި އެވެ.
އޭނަ ވިދާޅުވީ ގިނަ ރައްޔިތުން އެދޭ ގޮތަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އަށް ނޫނެކޭ ބުނަން ޖެހޭ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ފަސް އަހަރުން އެއްއަހަރު ރައްޔިތުން ގާތަށް އަންނަ ގޮތަށް މުޅި ސިސްޓަމް ބަދަލުކޮށްލަން މިހާރު ކުރަން އުޅޭ މަސައްކަތަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
"އަޅުގަނޑުމެން ރާއްޖޭގެ ރަށްރަށަށް މިހާރު ކުރަމުންގެންދާ ދަތުރުތަކުގައި ވަރަށް ގިނަ ރައްޔިތުން އެބަ ސުވާލުކުރޭ ރައީސް މުޢިއްޒު ސުވާލެއް ތިމަންނަމެންނަށް އެބަ ކުރިމަތިކުރުވައޭ، މިއީ ކީއްކުރަން ކުރާ ކަމެއްހޭ؟،" ދީދީ ވިދާޅުވި އެވެ. "އަޅުގަނޑަށް ފެންނަމުން މިދަނީ ރައީސް މުއިއްޒު ރައްޔިތުން ގާތަށް ގޮސް މި ބުނަނީ ދެން ތިމަންނަ ދާކަށް ބޭނުމެއް ނޫނެ. އެގޮތަށް ވިދާޅުވާ ސުވާލެއް ރައްޔިތުންނާ ކުރިމަތި ކުރުވާފައި މިއޮތީ."
ދީދީ ވިދާޅުވީ ރާއްޖެ ފަދަ ޑިމޮކްރެޓިކް އުސޫލުން ހިންގާ ދައުލަތެއްގައި ރައްޔިތުންނާ ގުޅުން ހުރި މިފަދަ މުހިންމު ކަންކަމުގައި ރައްޔިތުންގެ ޚިޔާލު ދެނެގަތުމަށް ނުވަތަ ރައްޔިތުންގެ ބަސް ހޯދުމަށް މަޝްވަރާ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
ބޮޑު ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓް ނަގަން ހަމަޖެހިފައި ވަނީ އެޕްރީލް 4 ގައި ބާއްވާ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ އެކީގަ އެވެ.
އެ ވޯޓަށް ރީރަޖިސްޓްރީވާން އިލެކްޝަން ކޮމިޝަނުން ދިން ވަގުތު މިއަދު މެންދުރު ފަހު 3:00 އަށް ހަމަވާނެ އެވެ.