Last Updated: June 5, 20:43
Friday, June 5, 2026
މުނިފޫހިފިލުވުން

އާރްކޭ ސްޓޫޑިއޯ ހިންގަން 20 އަހަރަށް އިމާރާތެއް

ކާފަ އަދި ކުރީގެ މަޝްހޫރު ފިލްމީ ތަރި ރާޖް ކަޕޫރްގެ އޭނަގެ ނަމާ ގުޅުވައިގެން އުފެއްދި ސްޓޫޑިއޯ، އާރްކޭ ފިލްމްސް އަލުން ކޮޅަށް ޖަހަން ރަންބީރް ކަޕޫރް ފަށާފައިވާ މަސައްކަތުގެ ދަށުން އެ ސްޓޫޑިއޯ ހިންގަން ފަސް ބުރީގެ އިމާރާތެއް 20 އަހަރަށް ކުއްޔަށް ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އެ އިމާރާތް ނެގީ މުމްބާއީގެ އަނދޭރީން ކަމަށެވެ.

ކާފަގެ ފިލްމުގެ ކުންފުނި އަލުން ދިރުވަން ރަންބީރް ނިންމާފައި ވަނީ އާރްކޭ ސްޓޫޑިއޯސްގެ ނަމުގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ސްޓޫޑުއޯ ހިންގަން ކުއްޔަށް ނެގި އިމާރާތްވެގެން ދާނީ ފިލްމެއްގެ ޕޯސްޓް-ޕްރޮޑަކްޝަނަށް ބޭނުންވާ ހުރިހާ ވަސީލްތަކެއް ގާއިމު ކުރާނެ ވަރަށް ޒަމާނީ ސްޓޫޑިއޯއަކެވެ.

އެގޮތުން އެތަނުގައި ވީއެފްއެކްސް އަށް ވެސް ހާއްސަ ޑިޕާޓްމަންޓެއް ގާއިމު ކުރާނެ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މި އަހަރުގެ މެދުތެރޭގައި އާރްކޭ ސްޓޫޑިއޯ ރަސްމީކޮށް ރަންބީރް ހިންގަން ފަށާނެ އެވެ.

ރާޖް ކަޕޫރް، އާރްކޭ ފިލްމްސް ވުޖޫދަށް ގެނައި 1948 އެވެ. އެތަނުން ވަރަށް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ އިިރު، ޗެމްބޫރްގައި ކުރިން އާރްކޭ ފިލްމްސް ހިންގި ބިން ރާޖް ކަޕޫރްގެ އާއިލާ އިން ވަނީ ވިއްކާލައިފަ އެވެ.

އާރްކޭ ފިލްމްސް އިން އެންމެ ފުރަތަމަ ގެނެސްދިން ފިލްމަކީ 1984 ގެ 'އާގް' އެވެ. އެއީ ރާޖް ކަޕޫރް ޕްރޮޑިއުސްކޮށް، ޑައިރެކްޓްކޮށް އަދި ކުޅުނު ފިލްމެކެވެ. އެތަނުން ގެނެސްދިން ފާހަގަކޮށްލެވޭ ބައެެއް ފިލްމުތަކުގެ ތެރޭގައި 'ބަރުސާތު'، 'އާވާރާ'، 'ޝްރީ 420'، 'ސަންގަމް'، 'ބޮބީ'، 'ސައްތަމް ޝިވަމް ސުންދަރަން'، 'ރާމް ތޭރީ ގަންގާ މޭލީ' އަދި 'ޕްރޭމް ރޯގް' ހިމެނެ އެވެ.

އާރްކޭގެ ތައްގަނޑުގައި އެންމެ ފަހުން ގެނެސްދިން ފިލްމަކީ ރަންބީރްގެ ބައްޕަ ރިޝީ ކަޕޫރްގެ ފިލްމީ ކެރިއަރުގައި ޑައިރެކްޓްކުރި ހަމައެކަނި ފިލްމު ކަމަށްވާ 1999 ގެ 'އާ އަބް ލޯޓް ޗަލޭ' އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އާރްކޭ ސްޓޫޑިއޯސް އިން ރަންބީރް ފުރަތަމަ ހަދަން ނިންމާފައި ވަނީ ކާފަގެ ވަރަށް ހިޓް ފިލްމެއް ކަމަށްވާ 1956 ގެ "ޗޯރީ ޗޯރީ" އަސްލަކަށް ބަލައިގެން ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ. އެގޮތުން އަޔާން މުކަރްޖީ ޑައިރެކްޓް ކުރަން ޕްލޭން ކުރާ ފިލްމުގެ ބަތަލާއަކަށް ދީޕިކާ ޕަދްކޯން ނަގަން ނިންމާފައިވާ ކަމަށް މިދިޔަ އަހަރު މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އާއިލީ ފިލްމު ކުންފުނި އާރްކޭގެ މަސައްކަތް ރަންބީރް އަލުން ފަށާ އިރު، އޭނަ އަކީ މިހާރު ބޮލީވުޑްގެ އެންމެ ނުޒޫފު ގަދަ އެއް އެކްޓަރެވެ. ރަންބީރްގެ ދެ ފިލްމެއް ކުރިއަށް އެބައޮތެވެ. އެއީ 'ރާމާޔަން: ޕާޓް 1' އާއި 'ލަވް އެންޑް ވޯ' އެވެ.