ކުޑަކުދިންގެ ޕާކެއް ނެތް ރަށްތަކުގައި ޕާކްތައް ހަދަން ބޭނުންވާ ތަކެތި ފޮނުވަން ފަށައިފި އެވެ.
ކޮންމެ ރަށެއްގައި ޕާކެއް ޤާއިމްކޮށް ދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް 14 ރަށެއްގައި ޕާކް ގާއިމު ކުރުމަށް ބޭނުންވާ ޕާކު ސެޓްތައް މިހާރު ފޮނުވަމުން އަންނަ ކަމަށް ލޯކަލް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން އެ ރަށްރަށަށް ފޮނުވަން ފަށައިފިއެވެ.
ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި މި އަހަރު ނިމުމުގެ ކުރިން ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރެއްވުމަށް ރައީސް އޮތީ ނިންމަވައިފަ އެވެ. އެގޮތުން، 57 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްގީ ކުރަން ހަމަޖެހިފައިވެ އެވެ.
ކުޑަކުދިންގެ ޕާކު ތަރައްްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ. އޭގެ ތެރޭގައި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)، ފެނަކަ، އެސްޓީއޯގެ އިތުރުން އެމްޓީސީސީ ހިމެނެ އެވެ.
މި ފަހަރު ޕާކު ސެޓްތައް ފޮނުވާފައި ވަނީ އާރްޑީސީއާ ހަވާލުކޮށްފައިވާ ދެ ރަށަކަށާއި، ފެނަކައާ ހަވާލުކޮށްފައިވާ ހަ ރަށާކަށާއި އެސްޓީއޯގެ ސީއެސްއާރުގެ ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ ދެ ރަށެއްގެ އިތުރުން އެމްޓީސީސީން ކުރިއަށް ގެންދާ ހަތަރު ރަށަށެވެ.
ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 12 ރަށެއްގައި ޕާކް ތަރައްގީކުރުމުގެ މަސައްކަތް ތިން ކުންފުންޏަކާ މާޗް 29، 2025 ގައި ސޮއިކުރެވިފައިވާ އިރު، ދެވަނަ ފިޔަވަހީގައި 40 ރަށުގެ އިތުރުން 30 ރަށެއްގެ ޕާކު ހެދުމުގެ އަމަލީ މަސައްކަތުގެ އެއްބަސްވުމުގައި ނޮވެމްބަރު 10، 2025 ސޮއިކޮށްފައިވެ އެވެ.
ބާކީ 8 ރަށަކީ ހަމައެކަނި ޕާކް ސެޓް ބޭނުންވާ ރަށްތަކެވެ.