Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

'މައިއެމްސީއެސް' ޕޯޓަލް ބޭނުން ކުރަން ފަށައިފި

ހިދުމަތްތައް ފަސޭހަކޮށް ހޯދަން މަގުފަހިކޮށް ދިނުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން "މައިއެމްސީއެސް" ޕޯޓަލް މިއަދު ބޭނުން ކުރަން ފަށައިފި އެވެ.

މިއީ އެތަނުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އެޅުނު މުހިއްމު ފިޔަވަޅެކެވެ.

ކަރެކްޝަނަލް ސާވިސްގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އިސްތިރާޖީ އެކްޝަން ޕްލޭން، މައި އެމްސީއެސް ޕޯޓަލް އަދި ޕްރިޒަނ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް އިފްތިތާހުކުރީ މި މަހުގެ 4 ގަ އެވެ.

މި ޕޯޓަ ލްއަކީ ކުރިން ބޭނުން ކުރަމުން އައި އީ-ސަރވިސް ޕޯޓަލްގެ އިތުރަށް ޒަމާނީކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ލުއި ފަސޭހަކަމާއެކު ފޯރުކޮށް ދިނުމަށް ފަރުމާކޮށްފައިވާ ޕޯޓަލްއެކެވެ.

"މައިއެމްސީއެސް" ޕޯޓަލް އަށް އީ-ފާސް ބޭނުންކޮށްގެން ލޮގް އިން ކުރުމަށް ފަހު، ކުށުގެ ރެކޯޑް ސާފުކުރުމަށް އެދުމާއި، ވަކީލުންނާއި ޢާއިލާތަކުން ޤައިދީންނާއި ބަންދުމީހުންނާ ބައްދަލުކުރުމަށް އެދުމާއި، ވަޒީފާއަށް އެދުމުގެ އިތުރުން ޤައިދީންނަށާއި ބަންދުމީހުންނަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ އެވެ. މި ޕޯޓަލް، ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ވެސް ބޭނުން ކުރެވޭނެ އެވެ.