Last Updated: June 5, 18:06
Friday, June 5, 2026
ރިޕޯޓް

އިސްލާމީ އުއްމަތް ވަރަށް ނާޒުކު ފައްތަރެއްގައި!

ގާޒާގެ އާއިލާއެއް މި ރޯދަ މަހު އިފްތާރުގައި.

މިއަދު އިސްލާމީ އުއްމަތް މިވަނީ ވަރަށް ނާޒުކު ފައްތަރެއްގެ މަތީގަ އެވެ. ގިނަ އިސްލާމީ ޤައުމުތައް ވަނީ އިސްރާއީލާއި އެމެރިކާގެ މުށު ތެރޭގައެވެ. މުށުތެރެއަށް ނުވަދެ މިނިވަން ޤައުމުތަކުގެ ގޮތުގައި އޮންނަން މަސައްކަތްކުރި ޢިރާޤް، ލީބިޔާ، ސީރިޔާ، އަފްޣާނިސްތާނު ފަދަ ޤައުމުތަށް މިވަނީ ސުންނާފަތިކޮށްލާފަ އެވެ.

މިޞްރުގައި އިންތިޚާބުވި ރައީސް މުރުސީގެ އިސްލާމީ ވެރިކަން ވައްޓާލައި އޭނާވަނީ ޖަލުގައި އަވަހާރަކޮށްލާފަ އެވެ.

ފަލަސްޠީނުގައި އިސްރާއީލާއި އެމެރިކާ އަދި ހުނޅަގުގެ ގިނަ ޤައުމުތަށް ގުޅިގެން އެމާތްބިމުން ޢަރަބި އިސްލާމީ ނަޞުލު ނައްތާލުމުގެ ބޮޑެތި ޖަރީމާތައް އެދަނީ މިހާރުވެސް ކުރިއަށެވެ. ޣައްޒާގައި ހިންގަމުންދާ ޖެނޮސައިޑާއި އެތްނިކް ކްލެންސިންގެ ޢަމަލުތަކަކީ އޭގެ ދެވަނައެއް ނެތްހާ ނުބައި އަނިޔާވެރި، ނުލަފާ ޢަމަލުތަކެކެވެ.

މިހާރު އެ ގެންދަނީ ކިރިޔާ ވެސް އުރަތްޕެެއް ހުރި އިސްލާމީ ދައުލަތް، އީރާން، ވިއްސިވިހާލިކޮށް މުށުތެރެއަށް ލުމުގެ ފަހުމަރުޙަލާއެވެ. އަދު އިސްލާމުންނަށް މި ތިބެވުނީ ވަރަށް ހިތާމަވެރި، މާޔޫސްވުމެއްގެ ތެރޭގައި ނޭކާރުވެފަ އެވެ.

މިހާރު ޤަބޫލުކުރެވޭ ގޮތުގައި މާލަސްތަކެއްނުވެ އީރާނަށް ޙަމަލަދީ އެޤައުމު ޔަހޫދީންގެ މުށުތެރެއަށްލާނެއެވެ. އީރާނުގެ ބާރު ކަޑުވައިލައި ގޮޑިކޮއްކޮ ސަރުކާރެއް އެޤައުމުގައި ޤާއިމުކުރެވުމުން ހުރިހާ އިސްލާމީ ދައުލަތެއް، ޢަމަލީގޮތުން، ޔަހޫދީންގެ އަތްދަށުވެ މިހިނދަށް އެނިމުނީއެވެ.

އެހެނަސް އަޅުގަނޑުމެން އިސްލާމުން އެއްގޮތަކަށްވެސް އުއްމީދު ނަގާލާކަށްނުވާނެއެވެ. އެހެނީ އިސްލާމްދީނުގެ އަހުލުވެރިންގެ ތާރީޚަކީ އިންސާނީ އެއްޗަކަށްވިޔަސް، އިސްލާމްދީނަކީ އިލާހީ އެއްޗެކެވެ. ތާރީޚު އެފުށްމިފުށަށްޖެހި، އޮގޮތްމިގޮތް ވެގެން ދިޔަކަމުގައިވިޔަސް އިސްލާމްދީން ޤިޔާމަތާ ހަމައަށް ދެމިގެންދާނެއެވެ.

ޒަމާނުއްސުރެ އިސްލާމީ ތާރީޚް ދަނީ އެކި ކުލަކުލަ ދައްކަމުންނެވެ. އުފަލާއި ހިތާމައެވެ. މަތިވެރި ކާމިޔާބީތަކާއި ފިއްކަނޑައިގެން ދާވަރުގެ ނާކާމިޔާބީތަކެވެ. ތާރީޚުންޖެހޭނީ ފިލާވަޅު ލިބިގަންނާށެވެ ﷲ އަންގަވާފައިވާފަފައިންނެވެ. لَقَدْ كَانَ فِي قَصَصِهِمْ عِبْرَةٌ لِّأُولِي الْأَلْبَابِ….. (ހަމަކަށަވަރުން، އެއުރެންގެ ވާހަކަތަކުގައި، ބުއްދީގެ އަހުލުވެރިންނަށް ޢިބްރަތެއް ވާކަން ކަށަވަރެވެ.)
ކީރިތި މާތް ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޙަޔާޔްޕުޅުގައިވެސް އިސްލާމުންނަށް ކާމިޔާބާއި ނާކާމިޔާބާ ކުރިމަތިލާން ޖެހިފައިވެއެވެ. ބަދުރު ހަނގުރާމައިގެ މަތިވެރި ކާމިޔާބީއެވެ. އުޙުދު ހަނގުރާމައިގެ ހިތާމަވެރި ޙާދިޘާ އާއި އެ ހަނގުރާމައިގައި އެތައް އެތައް ޞަޙާބީންނެއް ޤަތުލުވެ ޝަހީދުވެގެން ދިޔުމެވެ. އަދި މުއުތާ ހަނގުރާމައިގެ ޙާދިޘާއެވެ.

އަދު އިސްލާމީ އުއްމަތާ ކުރިމަތިވެފައި މިވާ ޙާލަތަކީ ތާރީޚުގައި ހިތާމަވެރި ޞަފްޙަތަކެއްގެ ގޮތުގައި ލިޔެވިގެންދާނެ ކަޅުކުލައިގެ ޞަފްޙާތަކެކެވެ. މިވޭތުވެފިޔަ 1400 އެތައް އަހަރެއްގެ ތެރޭގައި މިފަދަ ކިތަންމެ ހާދިޘާއެެއް އިސްލާމުންނާ ކުރިމަތިވެފައިވެއެވެ. އިސްލާމީ ތާރީޚުގެ ތެރެއަށް ފުންކޮށް ވިސްނައިފިނަމަ އެޙާދިޘާތައް މެދުވެރިވެފައިވަނީ އަޅުގަނޑުމެން މުސްލިމުންގެ އުޅުންތަކާއީ ގުޅުންތަކާއި ޤަބޫލުކުރުންތަކުގެ ސަބަބުންކަން ރަނގަޅަށް އެނގޭނެއެވެ.

ކީރިތި މާތް ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ސުވަރުގެ ވަޑައިންނެވިތަނާހެން، އިސްލާމްދީނާއި އިސްލާމުންނާ ކުރިމަތިވި حُرُوب ٱلرِّدَّة ނުވަތަ ރިއްދާ ހަނގުރާމަތަކަކީ މިގޮތުން ކުރިމަތިވި އެންމެފުރަތަމަ އިމްތިޙާނެވެ. މިހަނގުރާމަތަކުގެ ސަބަބުތަކުގެ ތެރޭގައި ބޮޑުވެގެންވާ ދޮގުވެރިޔާ މުސައިލަމާ- އަލް- ކައްޒާބާއި އަދި އިތުރު ބަޔަކު ނަބީކަމުގެ ދަޢުވާކުރުމާއި ޒަކާތްދެއްކުމާ ދެކޮޅުހެދުމާއި މަދީނާގެ ވެރިކަމުން ބޭރުވެގަތުމަށް އުޅުން ފަދަ ކަންކަން ހިމެނުނެވެ. މިކަމަކީ ވަރަށް ނާޒުކު ވަގުތެއްގައި މުޅި އިސްލާމްދީނަށް ދިމާވިނުރައްކަލެކެވެ. އެހެނަސް ވަރަށް ވަރުގަދަ ހަނގުރާމަތަކެއް ހިނގުމަށް ފަހު ނަޞްރާއި ކާމިޔަބު މިންވަރުކުރެއްވީ ޙަޢްޤަށެވެ. ޚަލީފާ އަބޫބަކުރާއި ޙައްޤުގެ މަތީ ސާބިތުވެތިބި އިސްލާމުންނަށެވެ. އާޚިރުގައި އަބަދުވެސް ނަޞްރު ދެއްވަނީ ޙައްޤަށެވެ.

މިދެންނެވުނު ރިއްދާ ހަނގުރާމަތަކަށް ފަހު، އިސްލާމުންނާއި ކުރިމަތިވީ ވަރުގަދަ ދާޚިލީ ހަނގުރާމައެވެ. މަޝްހޫރު "معركة الجمل" (ޖަމަލު ހަނގުރާމަ) އެވެ. މިހަނގުރާމައަކީ ކުރިއަރަމުން ދިޔަ އިސްލާމީ ދައުލަތަށާއި އެންމެހާ އިސްލާމުންނަށާއި އަދި އިސްލާމްދީނަށް ކަމުގެ އަސަރުތައް ވަރަށް ބޮޑަށްކުރި ހަނގުރާމައެކެވެ. ކަމުގެ ސަބަބުތަކުގެ ތެރެއަށް ދާކަށްނެތީމެވެ.

ހަނގުރާމައިގެ އެއްފަރާތުގައި ތިއްވެވީ ކީރިތި ރަސޫލާގެ އެެއް އަނބިކަނަބަލުންކަމުގައިވި أمّ المؤمنين عائشةގެފާނާއި ދެ އަޞްޙަބުބޭކަލުން ކަމުގައިވާ طَلْحَة ގެފާނާއި زُّبَيْرގެފާނެވެ. އަނެއް ފަރާތުގައި أمير المؤمنين علي بن أبي طالب އެވެ. މިމާތް އަޞްޙާބުންގެ މެދުގައި ފިތުނަތަކާއި ހަނގުރާމަތައް ހިނގުމުން އިސްލާމުންނަށާއި ދީނަށް ކުރާނެ އަސަރުތަކާއި ވެގެންދާނެގޮތް ހިތްޕުޅަށް ގެންނަވާށެވެ.

ކުޑަ ދުވަސްޅެއް ފަހުން އޭރު ޚަލީފާޔަކަށް ހުރި ޔަޒީދު އިބްނި މުޢާވިޔާގެ ހަނގުރާމަވެރިން ކީރިތި މާތް ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ ކާފަ ދަރިކަލުން ހުސައިންގެފާނާއި މުޅި ޢާއިލާގެ ހުރިހާ ފިރިހެން ބޭފުޅުން، އެއްބޭފުޅަކު ފިޔަވާ، ހިއްޕަވާނޭ ފެންފޮދެއް ވެސް ފޯރުކޮށްނުދީ، ޤަތުލުކޮށް އެހިންގި އަނިޔާވެރި ޢަމަލުތަކާއި ޔަޒީދުގެ ލަޝްކަރު މައްކާ އާއި މަދީމާއަށް ޙަމަލާދީ ކަޢުބަތު ގެފުޅު ހަލާކުކޮށްލި ޙާދިޘާތަކަކީ މުޅި އިސްލާމްދީނަށް ލޮޅުން އަރުވާލި ޙާދިޘާތަކެކެވެ. އަނެއްކާވެސް ދަންނަވަން ޖެހެނީ ތާރީޚު އެއީ އިންސާނުންގެ ޢަމަލުތަކެކެވެ. އިސްލާމްދީނަކީ އިލާހީދީނެވެ. ދީން ހަލާކުކޮށެއްނުލެވޭނެއެވެ.

އަޞްޙާބު ބޭކަލުންގެ ޒަމާނަށް ފަހުވެސް ތަފާތު ފިތުނަތަކާއި ހަނގުރާމަތައް އިސްލާމްދީނަށް ކުރިމަތިވެ މާޔޫސްވާންޖެހުނުކަންކަން މެދުވެރިވަމުން ދިޔައެވެ. މޫޣަލުން (މޮންގޮލްސް) ބަޣުދާދު ތަޅާލައި އަންދާލާ، ބޮޑެތި މަދަރުސާތަކާއި ލައިބްރަރީތަކާއި ފޮތްތައް އަންދާ ސުންނާފަތިކޮށް ޢިލްމުވެރިންތަކާއި އިސްލާމުންގެ ވެރިކަމުގެ ތެރެއިން މިލިޔަނުން މީހުން ޤަތުލުކޮށް، އެންމެފަހުން ޚަލީފާ ޤަތުލުކޮށް، ޢައްބާސީ ޚިލާފަތުވެސް އުވިދިޔައީއެވެ. އަނެއްކާވެސް ދަންނަވަން ޖެހެނީ ތާރީޚު އެއީ އިންސާނުންގެ ޢަމަލުތަކެކެވެ. އިސްލާމްދީނަކީ އިލާހީދީނެވެ. ދީން ހަލާކުކޮށެއް ނުލެވޭނެއެވެ.

މީގެ ދުވަސްކޮޅެއް ފަހުން މި މޫޣަލުން އިސްލާމްވެ، އިސްލާމްދީނަށް ނަޞުރުދީ އެތައް ސަރަޙައްދެއް އިސްލާމީވެރިކަމުގެ ދަށަށް ގެނައެވެ. އިންޑިއާގައި ބާރުގަދަ، މުއްސަނދި އިސްލާމީވެރިކަމެއް ޤާއިމުކޮށް ކުރިއަރާފައިވާ ޙަޟާރަތެއް ބިނާކުރީވެސް މޮންގޮލް ދަރިކޮޅަށް ނިސްބަތްވާ ބައެކެވެ.

ވިހަ ވަނަ ޤަރުނުގެ ކުރީކޮޅު އޮޓޮމަން އެމްޕަޔަރ ނުވަތަ އުޘްމަނީ ޚިލާފަތު އުވިދިޔުމަކީވެސް މުޅިދުނިޔޭގެ އެންމެހާ އިސްލާމުންނަށާއި އިސްލާމްދީނަށް ނުހަނު ގެއްލުންކުރުވިކަމެކެވެ. އަބޫބަކުރުގެފާނަށް ފަހު، ކޮންމެވެސް އެއް ހައިސިއްޔަތެއްގައި، އުޘްމާނީ ޚިލާފަތާ ހަމައަށް އިސްލާމުންގެ ޚަލީފާއެއް ހުންނެވިއެވެ. ޚިލާފަތު ދެމިގެންއައެވެ. ފަލަސްޠީނަށާއި އެސަރަޙައްދަށް ޔަހޫދީންގެ ބާރު ފެތުރުމުގެ އެއް ބިންގަލަކީ ޚިލާފަތުގެ ބާރުކެނޑި އުވިދިއުމެވެ.

މިދަންނަވާލި ދެތިން ހަތަރު މިޘާލުންވެސް ފިލާވަޅު ލިބިގަންނަންޖެހެއެވެ. ޔަހޫދީންނާއި އެމެރިކާނުންނާއި އެމީހުންގެ ވާގިވެރި ބައިވެރިން އިސްލާމްދީނާއި އިސްލާމުންގެ ބާރު ނައްތާލަން ކިތަންމެ މަސައްކަތަކާއި އަނިޔާއެއް ކުރިޔަސް އިސްލާމްދީން ނައްތައެއްނުލެވޭނެއެވެ. ޤައުމުތައް ހަލާކުކޮށް ސުންނާފަތިކުރެވިދާނެއެވެ. ނަމަވެސް ގެ ވާގިފުޅާއެކު އަނެއްކާވެސް އިސްލާމުން ބޮޑުބާރަކަށް ވެގެންދާތަން ދިރިތިބި ބަޔަކަށް ފެންނާނެކަމީ ތާރީޚު ދައްކާ ޙަޤީޤަތެކެވެ.

މިއަދުވެސް އަޅުގަނޑުމެން އިސްލާމުންނަށް ދިމާވެގެން މިއުޅެނީ ތާރީޚުގައި ދިމާވެފައިވާފަދަ ކަންތައްތަކެކެވެ. ޒަމާނާއި މަކާނާއި މީހުންނަށް އައިސްފައިވާ ބަދަލުތަކާއެކުވެސް ދިމާވެގެން މިއުޅެނީ، ކަމުގެ ސަބަބުތައް، ކުރީ ޙާދިޘާތަކާ ތަފާތުވިޔަސް، އޭގެ ނަތީޖާ އެއްގޮތް ކަންތައްތަކެކެވެ. އުއްމަތް ބަލިކަށިވެ ޢަދުއްވުންގެ އަތްދަށުވުމެވެ.

އަޅުގަނޑުމެން ކުރަންވީ ކަމަކީ ﷲ ގެ ވާފަށުގައި ހިފަންވީއެވެ. ﷲ ވަޙީކުރައްވާފައިވަނީ: وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا ( ތިޔަބައިމީހުން އެންމެން ﷲގެ ވާފަށުގައި (ދީނުގައި) ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ! )
ކީރިތި މާތް ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ސުންނަތަށް ރުޖޫޢަވެ އެއްބައިވަންތަ ވާންވީއެވެ. އޭރުން އިސްލާމުންހާ ބާރުގަދަ އުއްމަތެއް ނުވާނެއެވެ. ޢަދުއްވުން ތާއަބަދު މަސައްކަތް އެކުރަނީ މިކަންވިޔަ ނުދޭށެވެ.

ނޯޓް: މިއީ މުހައްމަދު މުއިއްޒު އަދުނާންގެ ލިޔުއްވުމެކެވެ.