އެމޭޒަން އަދި އަލީއެކްސްޕްރެސް ފަދަ ބައިނަލްއަގުވާމީ އީ-ކޮމާސް ޕްލެޓްފޯމްތައް ބްލޮކްކޮށްފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދައްކަމުން އަންނަ ވާހަކަތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޮގުކޮށްފި އެވެ.
ބީއެމްއެލްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެފަދަ ސައިޓުތަކަށް އަމާޒުކޮށް ކާޑުގެ މުއާމާލާތްތައް ނުކުރެވޭ ގޮތަށް ހުރަސްތަކެއް އަޅާފައިވާ ކަމަށް ބުނެ ފެތުރޭ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ކާޑުގެ މުއާމަލާތްތައް ފެއިލްވަނީ ކަސްޓަމަރުގެ ކާޑަށް ކަނޑައެޅިފައިވާ ލިމިޓަށްވުރެ އިތުރަށް މުއާމަލާތްކުރުމަށް މަސައްކަތްކުރުމުން ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލްއިން ވަނީ އެމޭޒަން އަދި އަލީ އެކްސްޕްރެސްގައި ކަސްޓަމަރުން މިދިޔަ ޖަނަވަރީ މަހުން ފެށިގެން މިއަދާ ހަމަޔަށް، މުއާމަލާތް ހިންގާފައިވާ އަދަދުގެ ތަފާސް ހިސާބު ވެސް ހާމަކޮށްފަ އެވެ. އެގޮތުން ޖަނަވަރީ އެއް ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ހަމައެކަނި އެމޭޒަން އަދި އަލީއެކްސްޕްރެސްގައި 58،000 މުއާމަލާތްކޮށް، 2.33 މިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ކަސްޓަމަރުން ކާޑުން ކުރަމުންދާ މުއާމަލާތްތަކަށް ބަލާއިރު، ބީއެމްއެލްއަށް ފާހަގަކުރެވިފައިވާ ގޮތުގައި، އަމިއްލަ ފަރުދުންގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް ވިޔަފާރީގެ ބޭނުމަށް މުދާ ގަތުމަށް ބޭނުންކުރުން އިތުރުވެފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ. އަދި ކަސްޓަމަރު ބަޔާންކޮށްފައިވާ އާމްދަނީއަށްވުރެ ބޮޑު އަދަދުތަކެއްގެ މުއާމަލާތްތައް ކާޑުން ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ފާހަގަކުރެވިފައިވާ ކަމަށް ބުންޏެވެ.
"ވިޔަފާރި ބޭނުންތަކަށް، މުދާ ގަތުމަށް ބެންކުން އިލްތިމާސްކުރަނީ ބޭންކުގެ ބިޒްނަސް ބޭންކިން ސޮލިއުޝަންތައް ބޭނުންކުރުމަށް. މި ހިދުމަތްތަކަކީ ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ކުރުމަށާއި ވިޔަފާރި މުދާ އެތެރެކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް ފަރުމާކުރެވިފައިވާ ހިދުމަތްތަކެއް،" ބޭންކުން ބުންޏެވެ.
ބީއެމްއެލް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްކޮށްފައިވާ ގޮތުގެ ތަފާސްހިސާބުތަކަކީ:
2023: 311 މިލިއަން ޑޮލަރު
2024: 389 މިލިއަން ޑޮލަރު
2025: 524 މިލިއަން ޑޮލަރު
2026 ޖަނަވަރީއަށް: 59 މިލިއަން ޑޮލަރު
ބޭންކުން ބުނީ އެ މުއާމަލާތްތަކުގެ ތެރެއިން މިއަހަރު %66 މުއާމަލާތްކޮށްފައި ވަނީ އީކޮމާސް ވެބްސައިޓްތަކުގައި ކަމަށެވެ.