Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

އުކާލާ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުނުކުރަން އަންގައިފި

ލުއި ބުއިންތައް ހުސްކޮށްފައިވާ ސިންގަލް ޔޫސް ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކޮށް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކާބޯތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައިވާ ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް، ވިޔަފާރީގައި ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެ ފުޅިތަކަކީ އެއް ފަހަރު ބޭނުންކުރުމަށްފަހު އުކާލާ ގޮތަށް ވަކި ވައްތަރެއްގެ ޕްލާސްޓިކް ނުވަތަ ޕޮލިއެތިލީން ޓެރަތަޔަލޭޓް (ޕީއީޓީ)ން ތައްޔާރުކޮށްފައިވާ ފުޅިތަކެއް ކަމަށެވެ.

އެމްއެފްޑީއޭ އިން ބުނީ ބާޒާރުގައި ތަފާތު އެކި ބާވަތްތަކުގެ ބުއިންތައް އަޅަން އެފަދަ ފުޅި ބޭނުންކުރުމުން، ޕްލާސްޓިކްގެ އަސަރު ކާބޯތަކެއްޗަށް ކޮށް، އޭގެ ޒަރީއާއިން އިންސާނުންގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.

އެހެންކަމުން ބޯފެނާއި ލުއިބުއިންތައް ހުސްކުރި ޕީއީޓީ ފުޅިތައް ކާބޯތަކެތި ބަންދުކުރުމަށް ބޭނުން ނުކުރުމަށް އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ.