Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ތަސައްވުރު ހަގީގަތަކަށް ހަދަން ޕީއެންސީގެ ކެންޑިޑޭޓުން ހޮވަންޖެހޭ

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސަރަހައްދަށް ދެކެވަޑައިގެންފައިވާ ތަސައްވުރު ހަގީގަތަކަށް ހެދޭނީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބުކޮށްގެން ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ގަލޮޅު ދެކުނު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ ކައުންސިލް އިންތިޚާބާ ދިމާކޮށް އިދިކޮޅު ކެންޑިޑޭޓުންނާއި މޭޔަރުކަމަށް ވާދަކުރައްވާ ބޭފުޅުން ރައްޔިތުންގެ ގާތަށް ގޮސް ދައްކަނީ ސަރުކާރު "ޒިންމާދާރުކުރުވާނެ" ވާހަކަ ކަމަށާއި ނަމަވެސް، ލާމަރުކަޒީ ގާނޫނު ދިރާސާކުރިއިރު، އެއިން އެއްވެސް ތަނެއްގައި ކައުންސިލުން ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭނެ ކަމަށް ލިޔެފައި ނެތް ކަމަށެވެ.

ކައުންސިލްތަކުގެ އަސްލު ބޭނުމަކީ ޖަވާބުދާރީވެނިވި އުސޫލަކުން ރައްޔިތުންނަށް ޚިދުމަތް ދިނުން ކަމަށާއި އެގޮތުން ކައުންސިލުން ޖަވާބުދާރީ ވާންޖެހެނީ ރައްޔިތުންނަށާއި ސަރުކާރުގެ ވުޒާރާތަކަށް ކަމަށް ހަލީމް ވިދާޅުވި އެވެ.

"އެހެންވީމަ މިކަމުގައި އަޅުގަނޑުމެންގެ ސަރުކާރާ ގުޅިގެން މަސައްކަތްކޮށްދޭނެ ކެންޑިޑޭޓުން ހޮވުމަކީ އަޅުގަނޑުމެންގެ މަގުސަދު. އަދި ރައީސުލްޖުމްހޫރިއްޔާ މާލެ ސަރަހައްދަށް ކުރައްސަވާފައި އޮތް ތަސައްވުރު ހަގީގަތަކަށް ހެއްދެވޭނީ ހަމަ ޔަގީނުން ވެސް މި އުސޫލުން، މި ބޭނުމުގައި މަސައްކަތް ކުރައްވާ ކެންޑިޑޭޓުން ހޮވައިގެން،" ހަލީމް ވިދާޅުވި އެވެ.

ހަލީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސިޓީ ކައުންސިލްގެ ބާރުތަކުގެ ތެރޭގައި ހިމެނެނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ސަރުކާރަށް ލަފަޔާއި މަޝްވަރާ ދިނުމާއި، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކަންކަން ތަންފީޒު ކުރުމެވެ. މިކަންކަން މިހެން ހުރިއިރު، ސަރުކާރާ ދެކޮޅު ކައުންސިލެއް އޮވެގެން މި މަސައްކަތް ކުރާނެ ގޮތަކާއި މެދު ރައްޔިތުން ވެސް ވިސްނާލަންޖެހޭ ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން، ޕްރައިމަރީ ހެލްތު ކެއާ ހިދުމަތް ފޯރުކޮށް ދިނުމުގެ ޒިންމާ ކައުންސިލްތަކުން އަދާކުރަން ޖެހޭ ކަމަށާއި ނަމަވެސް އެ މަސައްކަތް ކުރަން ޖެހިފައިވަނީ މިނިސްޓްރީތަކާއި، ސަރުކާރު ކުންފުނިތަކުން ކަމަށް ހަލީމް ވިދާޅުވި އެވެ. އެގޮތުން މާލޭގައި މިހާރު އައިޖީއެމްއެޗުން ޖީޕީ ކްލިނިކެއް ހުޅުވާފައިކަން ހަލީމް ފާހަގަކުރެއްވި އެވެ.