Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

އިދިކޮޅަށް ކައުންސިލްތައް ލިބިއްޖެނަމަ ވައުދު ފުއްދަން ދަތިވާނެ

ސަރުކާރާއި ދެކޮޅު ކައުންސިލްތަކެއް އިންތިހާބުވެއްޖެ ނަމަ، ރިޔާސީ އިންތިހާބުގައި ވެފައިވާ ވައުދުތައް ފުއްދަން ދަތިވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ގަލޮޅު ދެކުނު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރާފިއު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް، ރައްޔިތުންގެ ވޯޓުން، ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުކޮށްފައިވަނީ، އެ މަނިކުފާނުގެ ސިޔާސަތު ރައްޔިތުންނަށް ކަމުދާތީ ކަމަށާއި އެ ކަންކަން ތަންފީޒުކުރަން ރައީސް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އެ ނޫން ގޮތަކަށް މުއައްސަސާތަކުން ކަންކަން ބައްޓަން ކުރުމަކީ ދަތިވާނެ ކަމެއް ކަމަށެވެ.

"އަޅުގަނޑުގެ ސުވާލަކީ އެކަންކަން ކުރުމަށްޓަކައި އަޅުގަނޑުމެންގެ މުއައްސަސާތަކުން އަޅުގަނޑުމެންނަށް އެކަން ކުރުމަށް މަގުފަހި ނުވާގޮތަށް ކަންކަން ބައްޓަންކޮށްފިއްޔާ އޭރު އަޅުގަނޑުމެން ބޭނުންވި ކަންކަން ހާސިލުކުރެވޭނެތޯ؟ އެ ސުވާލު އަޅުގަނޑު މި ކުރީ. ހަމަ ޔަގީނުންވެސް ވަރަށް ދަތިވާނެ،" ރާފިއު ވިދާޅުވި އެވެ.

މިނިސްޓަރު ރާފިއު ވިދާޅުވީ ރައްޔިތުންނަށް އެކަންކަން ހާސިލު ކުރެވޭނީ ރައީސް މުއިއްޒުގެ ފިކުރާއި ހިޔާލާއި އެއްގޮތް ބަޔަކަށް މުއައްސަސާތަކުގައި ތިބި މީހުން ވެގެން ކަމަށެވެ.

"އަޅުގަނޑުމެންނާ އިދިކީލި ކައުންސިލްތަކެއް ހުރެއްޖެއްޔާ ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން ކުރަން ބޭނުންވި ކަންތައްތައް ކުރުމުގައި އަޅުގަނޑުމެންނަށް އޭގެ ދަތިކަން އިހުސާސްވާނީ. މިކަމާ ވަރަށް ފުންކޮށް ވިސްނަންޖެހޭ،" ރާފިއު ވިދާޅުވި އެވެ.

ރާއްޖެއަށް ތަރައްގީ އާއި ތަމައްދުން ގެނެވޭނީ ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބުކޮށްގެން ކަމަށާއި ކެންޑިޑޭޓުންނަކީ ވަރަށް އޯގާތެރި، ވަރަށް ކަމޭހިތާ، މީހުންނާއި ގާތް، ވަރަށް އެކުވެރިކަމާއެކު މަސައްކަތްކޮށްދެއްވާފައިވާ ބޭފުޅުން ކަމަށްވެސް ރާފިއު ވިދާޅުވި އެވެ.