Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ޓޫރިސްޓުންގެ އަދަދު 400،000 އިން މައްޗަށް

މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 400،000 އިން މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 21 ގެ ނިޔަލަށް ރާއްޖެއަށް ވަނީ 418,034 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 9.5 އިންސައްތަ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 381,870 ޓޫރިސްޓުންނެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ ޗައިނާއިންނެވެ. އެ ގައުމުން 67،185 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ ރަޝިއާއިންނެވެ. އެ ގައުމުން 46،636 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ.

ރާއްޖޭގައި މިވަގުތު 186 ރިސޯޓާއި 914 ގެސްޓްހައުސް އާއި 170 ސަފާރީ އުޅަނދު އަދި 16 ޓޫރިސްޓް ހޮޓާ ދަނީ ހިންގަމުންނެވެ. މި ފެސިލިޓީތަކުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 67،047 އެވެ.