ޓޮޓެންހަމް 4-1 އިން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އާސެނަލުން ލީޑު ފުޅާކޮށްފި އެވެ.
މި މޮޅާއެކު ލީގުގެ އެއްވަނައިގައި އާސެނަލް މިހާރު އޮތީ 28 މެޗުން 61 ޕޮއިންޓާއެކު އެވެ. ދެވަނައިގައި 27 މެޗުން 56 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތްއިރު، ތިންވަނައިގައި 27 މެޗުން 51 ޕޮއިންޓު ހޯދައިގެން އޮތީ އެސްޓަންވިލާ އެވެ. އަދި ހަތަރުވަނައިގައި 27 މެޗުން 45 ޕޮއިންޓާއެކު އޮތީ ޗެލްސީ އެވެ.
ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ 32 ވަނަ މިނެޓްގައި އެބެރެޗީ އެޒޭ ވަނީ އާސެނަލަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް އޭގެ ދެ މިނެޓް ފަހުން ކޯލޯ މުއާނީ ޓޮޓެންހަމަށް ވަނީ ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ވިކްޓަ ޔޮކަރޭސްގެ ހިތްގައިމު ގޯލުން އާސެނަލުން ވަނީ އަލުން ލީޑު ނަގާފަ އެވެ. މިއީ ޓޮޓެންހަމްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.
އާސެނަލްގެ ތިންވަނަ ގޯލު މެޗުގެ 61 ވަނަ މިނެޓްގައި އެޒޭ ކާމިޔާބުކޮށްދިންއިރު، މެޗުގެ ފަހު ވަގުތުކޮޅުތެރޭ އާސެނަލްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައިވަނީ ޔޮކަރޭސް އެވެ.
މި މެޗުން ބަލިވުމުން ޓޮޓެންހަމް މިހާރު އޮތީ 27 މެޗުން ލިބުނު 29 ޕޮއިންޓާއެކު ލީގުގެ 16 ވަނައިގަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ވަނީ ފަހު ވަގުތު ނޮޓިންހަމް ފޮރެސްޓް 1-0 އިން ބަލިކޮށްފަ އެވެ. ލިވަޕޫލްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު އެލެކްސިސް މެކަލިސްޓާ އެވެ.