Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ބައެއް ނޫން

ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް އޮތް ޒިންމާއެއް ނޫން ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ، ގަލޮޅު ދެކުނު ކެމްޕޭއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި އޭނަ ވިދާޅުވީ ލާމަރުކަޒީ ގާނޫނު އެއްކޮށް ބެލިއިރު ވެސް އެ ގާނޫނުގެ ދަށުން ކައުންސިލަށް މަތިކޮށްފައިވާ ކަންކަމުގެ ތެރޭގައި ސަރުކާރު ޖަވާބުދާރީ ކުރުވުން ނުހިމެނޭ ކަމަށެވެ.

އެކަމަކު ސަރުކާރާ ގުޅިގެން މަސައްކަތް ކުރުން ގާނޫނުގެ ދަށުން ކައުންސިލްތަކަށް މަތިކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ، ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން، ޕްރައިމަރީ ހެލްތު ކެއާ ހިދުމަތް ފޯރުކޮށް ދިނުމުގެ ޒިންމާ ކައުންސިލްތަކުން އަދާކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރަން ޖެހިފައި ވަނީ މިނިސްޓްރީތަކާއި، ސަރުކާރު ކުންފުނިތަކުން ކަމަށް ވިދާޅުވި އެވެ.

ހަލީމު ވިދާޅުވި ގޮތުގައި ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް މަތިކޮށްފައިވާ ކަންކަން އެންމެ ރަނގަޅަށް ކުރެވޭނީ ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބުކޮށްގެން ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކައުންސިލްތައް އިދިކޮޅަށް ލިބެން ޖެހޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަމުންދާ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބަށް ޕީއެންސީ ވަރަށް ފޯރީގައި ކެމްޕޭން ކުރަމުން އަންނަ އިރު، އެ އިންތިހާބު އޮންނާނީ އެޕްރީލް 4 ގަ އެވެ.