Last Updated: June 5, 20:43
Friday, June 5, 2026
މުނިފޫހިފިލުވުން

'ހަސީނާ މާން ޖާއޭގީ 2' ހަދަނީ

ބޮލީވުޑްގެ މަގުބޫލު ސްކްރީން ޖޯޑެއް ކަމަށްވާ ގޯވިންދާ އާއި ކަރިޝްމާ ކަޕޫރް ކުޅުނު އިތުރު ފިލްމެއްގެ ދެވަނަ ބައެއް ހަދަން ނިންމައިފި އެވެ.

އެ ފިލްމަކީ 1999 ގައި ރިލީޒްކުރި ކޮމެޑީ 'ހަސީނާ މާން ޖާއޭގީ' އެވެ. ޑޭވިޑް ދަވަން ޑައިރެކްޓްކުރި އެ ފިލްމުގެ ކާސްޓްގައި ސަންޖޭ ދަތާއި ޕޫޖާ ބަޓްރާ ވެސް ހިމެނެ އެވެ.

ކަރިޝްމާގެ މަންމަ ކުރީގެ ބަތަލާ ބަބީތާ ވެސް 'ހަސީނާ މާން ޖާއޭގީ' ކިޔާ ފިލްމެއް ކުޅެފައިވެ އެވެ. އެއީ ޝަޝީ ކަޕޫރް ބަތަލުގެ ރޯލު ކުޅުނު 1968 ގެ ފިލްމެވެ. އެކަމަކު އެ ދެ ފިލްމުގައި ވެސް އެއްވެސް ގުޅުމް ނެތެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ 'ހަސީނާ މާން ޖާއޭގީ' ގެ ދެވަނަ ބައެއް ހަދަން ޕްރޮޑިއުސަރު ސްމީތާ ތާކްރީ ބޭނުންވެގެން އެކަން ޑޭވިޑަށް ހުށަހެޅުމުން އެ ހުށަހެޅުން އޭނަ ގަބޫލުކޮށްފައި ނުވާ ކަމަށެވެ. އެހެންވެ ދެވަނަ ބައި ޑައިރެކްޓް ކުރަން ސްކްރީން ރައިޓަރެއްގެ ގޮތުގައި މަޝްހޫރުވި ފަރުހާދު ސަމްޖީ އަށް ހުށަހަޅާފައިވާ ކަމަށް އެ ނޫހުން ބުންޏެވެ.

ފަރުހާދަކީ 'ހައުސްފުލް' 3 އާއި 4 ގެ އިތުރުން 'ބައްޗަން ޕާންޑޭ' ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ ސަލްމާން ޚާންގެ 2023 ގެ 'ކިސީ ކާ ބާއީ ކިސީ ކާ ޖާން' އެވެ.

ހަންގާމާ އިން ބުނި ގޮތުގައި ހަސީނާ މާން ޖާއޭގީގެ ދެވަނަ ބައެއް ހަދަން ހުށަހެޅުމުން ޑޭވިޑް އެކަން ގަބޫލު ނުކުރީ އޭނަ ކުރިން ހަދާފައިވާ ފިލްމެއްގެ އިތުރު ބައެއް ހެދުމުގެ ޝައުގުވެރިކަން ނެތުމުންނެވެ. ނަމަވެސް ދަރިފުޅު ވަރޫން ދަވަން ހިމަނައިގެން އޭނަ ކުރިގެ ދެ ފިލްމެއް ދެ ބައެއް ގެނެސްދީފައިވެ އެވެ. އެއީ ސަލްމާން ޚާނާއި ކަރިޝްމާގެ 1997 ގެ 'ޖުޅްވާ' ގެ ދެވަނަ ބައި 2018 ގެ 'ޖުޅުވާ 2' އާއި ގޯވިންދާ އާއި ކަރިޝްމާގެ 1995 ގެ 'ކޫލީ ނަމްބަރު 1' ގެ ރިމޭކެއްގެ ގޮތުގައި ހަމަ އެ ނަމުގައި 2020 ގައި ގެނެސްދިން ފިލްމެވެ.

'ހަސީނާ މާން ޖާއޭގީ' ގެ ދެވަނަ ބަޔަށް ތައްޔާރުވަމުން އަންނަ އިރު، ފަރުހާދު މިހާރު އަންނަނީ ސްކްރިޕްޓްގެ މަސަައްކަތް ކުރަމުންނެވެ. އަދި އަންނަ މަހުގެ ތެރޭގައި ފިލްމަށް ކާސްޓުން ނެގުމުގެ މަސައްކަތް ފަށާނެ ކަމަށް ހަމްގާމާ އިން ބުންޏެވެ. އެކަމަކު ކުރީގެ ފިލްމިުގެ އޮރިޖަލް ކާސްޓް ދެވަނަ ބައިން ފެންނާނެ ކަމެއް އަދި ނޭނގެ އެވެ.

ކާމިޔާބު ގިނަ ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ ޑޭވިޑްގެ ކުރިއަށް އޮތް ފިލްމަކީ ވަރޫންއާ އެކު މި އަހަރުގެ ޖޫންގައި ގެނެސްދޭން ހަމަޖެހިފައިވާ 'ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' އެވެ.