Last Updated: June 5, 19:20
Friday, June 5, 2026
ޚަބަރު

ވިލިމާލޭގައި އަލުން ބަގީގެ ހިދުމަތް ފަށަނީ

ވިލިމާލޭގައި އަލުން ބަގީގެ ހިދުމަތް ފަށަން ނިންމައި އެ ހިދުމަތް ދޭން ބޭނުން ކުރާނެ ބަގީ ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.

ކައުންސިލުން ބުނީ ވިލިމާލޭގައި އަލުން ރަނގަޅު ފެންވަރެއްގައި ބަގީގެ ހިދުމަތް ތައާރަފު ކުރުމަށް، ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ބަގީ ސަޕްލައިކޮށް ދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ. އެހެންވެ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 26 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ކައުންސިލުން ބުނީ އަލުން ބަގީގެ ހިދުމަތް ފެށުމަށްޓަކައި 11 ސީޓުގެ 4 ބަގީ އާއި 8 ސީޓުގެ 3 ބަގީގެ އިތުރުން 2 ކާގޯ ބަގީ ބޭނުންވާ ކަމަށެވެ. ބޭނުން ވަނީ LVTONG ބްރޭންޑުގެ ބަގީ އެވެ.

ބަގީ ސަޕްލައިކޮށްދޭ ފަރާތުން މަދުވެގެން އަހަރު ދުވަސް ވަންދެން ސްޕެއާ ޕާޓްސް ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސައި ދޭން ޖެހޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

މާލެ އިން ފެެރީގައި ދެވޭ ވިލިމާލޭގައި ބަގީގެ ހިދުމަތް އަލުން ފަށަން ތައްޔާރުވަމުން އަންނައިރު، އެ އަވަށުގައި އެމްޓީސީސީން އަންނަނީ ބަހުގެ ހިދުމަތް ދެމުންނެވެ.

މީގެ ކުރިން އޭޕްރީލް 2023 ގައި ވެސް ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށި އެވެ.