Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ފްލެޓަށް 3،434 ފޯމު، ގޯއްޗަށް 1،633 ފޯމު

ފްލެޓާއި ގޯއްޗަށް އެދި މިހާތަނަށް 5،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅައިފި އެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" ގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ މަހުގެ 18 ގަ އެވެ.

ހައުސިން މިނިސްޓްރީން މިހާތަނަށް ޖުމްލަ 5،067 މީހުން ފޯމު ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 3،434 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 1،633 ފޯމެވެ.

މިނިސްޓްރީން ބުނި ގޮތުގައި ޑްރާފްޓް މަރުޚަލާގައި ހުރި ފޯމްޔަކުގެ އަދަދު 11،304 އަށް އަރަ އެވެ.

"ބޯހިޔާވަހިކަން އެންމެނަށް" ގެ ދަށުން ދޫކުރަން ހަމަޖެހިފައި ވަނީ 1،250-15،000 ގޯއްޗެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކެޓަގަރީ 1، މާލޭ ރަށްވެހިންނަށް އަދި ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރާނީ ގްރޭޓަ މާލޭ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ރަސްމާލެއިންނެވެ. މި އުސޫލުގެ ދަށުން 7،900 ފްލެޓް ދޫކުރާނެ އެވެ. އެއީ މާލެ އާއި ވިލިމާލެ ހިމެނޭހެންނެވެ. ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1،500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2،400 ފްލެޓް ކަނޑައަޅާފައިވެ އެވެ.

ގޯތި ވެސް ދޫކުރަން ނިންމާފައި ވަނީ މާލެ އާއި މާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ ރައްޔިތުންނަށް ޚާއްސަ ކެޓަގަރީ ހިމެނޭ ގޮތަށެވެ.

މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅޭނީ އަންނަ މަހުގެ 4 އާ ހަމައަށެށެވެ. އަދި ފްލެޓަށް އެދި ހުށަހެޅޭނީ އެޕްރީލް މަހުގެ 17 އާ ހަމައަށެވެ.