އިނގިރޭސިލާތުގެ ކުރީގެ މަޝްހޫރު ރޮކް ބޭންޑް، "ދަ ބީޓްލްސް"" އަށް ބިނާކޮށް ހަދަން ހަމަޖެހިފައިވާ ފިލްމު ސީރީޒުން ބޮލީވުޑްގެ އެކްޓަރު ފަރުހާން އަޚްތަރަށް ފުރުސަތު ލިބިއްޖެ އެވެ.
ސޭމް މެންޑޭޒް ޑައިރެކްޓްކުރާ މި ފިލްމު ސީރީޒްގައި ފަރުހާން ކުޅޭނީ އިންޑިއާގެ މިއުޒިކީ ފަންނާނެއް ކަމަށްވާ ޕަންޑިތު ރަވީ ޝަންކަރްގެ ރޯލެވެ. ""ދަ ބީޓްލްސް": އަ ފޯ-ފިލްމު ސިނަމެޓިކް އިވެންޓް" އިން ފުރުސަތު ލިބުމާ ގުޅިގެން އެ ވާހަކަ ގެނެސްދިން ޚަބަރެއްގެ ސްކްރީންޝޮޓަކާ އެކު އިންސްޓަގްރާމްގައި ފަރުހާން ބުނީ ބީޓްލްސްއާ ގުޅޭ މަސައްކަތެއްގައި ހިއްސާވާން ލިބުމަކީ އަބަދު ވެސް ވަރަށް ޝުކުރުވެރި ވާނެ ކަމެއް ކަމަށާއި އޭނަ އަކީ ޑައިރެކްޓަރު މެންޑޭޒްގެ ވަރަށް ބޮޑު ފޭނެއް ކަމަށެވެ.
އެެހެންވެ އޭނައާ އެކު މަސައްކަތް ކުރަން ލިބުމަކީ ހުވަފެން ކަހަލަ ކަމަށް ފަރުހާން ބުންޏެވެ.
ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ފަރުހާން ކުރިން ވެސް އިންޓަނޭޝަނަލް ޕްރޮޖެކްޓެއްގައި މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން މާވެލް ސްޓޫޑިއޯސްގެ 2022 ގެ ސީރީޒް "މިސް މާވެލް" ގައި އޭނަ ވަލީދު ކިޔާ ކެރެކްޓާއެއް ކުޅެފައިވެ އެވެ.
ފަރުހާނަށް ފުރުސަތު ލިބުނު ސޮނީ ޕިކްޗާސްގެ ""ދަ ބީޓްލްސް"" ގެ ފިލްމު ސީރީޒް ގެނެސްދޭން ހަމަޖެހިފައި ވަނީ ހަތަރު ފިލްމު އެކުލެވޭ ގޮތަށެވެ. މި ފިލްމުތައް ބެލުންތެރިންނަށް ދޫކޮށްލާނީ އެޕްރީލް 7، 2028 ގަ އެވެ.
މީގެ ޑައިރެކްޓަރި މެންޑޭޒް އަކީ ފިލްމު "ޓައިޓޭނިކް" ގެ ބަތަލާ ކޭޓް ވިންސްލެޓްގެ ކުރީގެ ފިރިމީހާ އެވެ. އޭނަ ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ޖޭމްްސް ބޮންޑް ސީރީޒްގެ ފިލްމުތައް ކަމަށްވާ "ސްކައިފޯލް" އާއި "ސްޕެކްޓާ" ހިމެނެ އެވެ. މެންޑޭޒްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ހަމްނެޓް" އެވެ.
އިންޓަނޭޝަނަލް ދެވަނަ ޕްރޮޖެކްޓަކުން ފަރުހާނަށް ފުރުސަތު ލިބުނު އިރު، އޭނަ ޑައިރެކްޓް ކުރަން މި ފަހުން ދެ ފިލްމެއް އިއުލާންކޮށް، އެ ދެ ފިލްމު ވެސް އޮތީ ވާނުވާގަ އެވެ. އެއީ "ޑޮން 3" އާއި "ޖީ ލޭ ޒަރާ" އެވެ.