ޖަލުގައި އޮވެ ސްކޭމްކުރާ މީހަކަށް އެހީތެރިވިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައި އައްޑޫހިތަދުއަށް ނިސްބަތްވާ 33 އަހަރުގެ ފިރިހެނެކެވެ. އޭނަ ހައްޔަރުކޮށް ބަންދަށް 30 ދުވަސް ޖަހާފައިވާ އިރު، އޭނާގެ މައްޗަށް ތުހުމަތު ފުލުހުން ކުރަނީ، މަކަރާއި ހީލަތުން ފައިސާގެ މުއާމަލާތް ކުރުމަށް ޖަލުން ގުޅި މީހަކަށް އޭނާ އެއްބާރުލުން ދިނުމުގެ ތުހުމަތެވެ.
އަދި އެ މީހާގެ އެކައުންޓުން ފައިސާ ރޯލްކުރަން ރައްޓެހިންގެ އެކައުންޓުތަކެއް ހޯދައި ދީފައިވާ ކަމަށް ވަންދު އަމުރުގައިވެ އެވެ.
އަމުރުގައިވާ ގޮތުން މި މައްސަލައާ ގުޅުން އޮތް ފޯނެއް އޭނާގެ އަތުން ފެނިފައިވާ އިރު، ފޯނު ޖަލުގައި އޮތް މީހާއާ މުއާމަލާތުކުރަން ގެންގުޅުނު ފޯނުގެ އައިއެމްއީއައި ނަންބަރު ދިމާވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ފައިސާ ނެގުމަށާއި، ފޯނާ ހަވާލުވުމުގެ މުއާމަލާތުގައި ބައިވެރިވާ މަންޒަރު ސީސީޓީވީގެ ފުޓޭޖުތަކުން ފެނިފައިވާ ކަމަށް ވެސް އަމުރުގައިވެ އެވެ.