Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ކެންޑިޑޭޓުންނާއެކު ރައީސް ހެންވޭރުގައި ދޮރުންދޮރަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސަައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވަން ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފި އެވެ.

ރައީސްގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންނާއި އެ ޕާޓީގެ ޓިކެޓުގައި ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި ރައްޔިތުންގެ މަޖިލިހުގައި ޕީއެންސީ ތަމްސީލް ކުރައްވާ ބައެއް މެމްބަރުން ގޭގެ އަށް ވަޑައިގަތެވެ. އަދި އެ ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާފައިވާ މޫސާ އަލީ ޖަލީލް ވެސް ރައީސް މުއިއްޒުގެ އަރިހުގައި ގޭގެ އަށް ވަޑައިގެން ކެމްޕެއިން ކުރެއްވި އެވެ.

ޕީއެންސީން ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރައީސް މާލޭގެ އެކި އަވަށްތަކުގެ ގޭގެ އަށް ވަޑައިގެން އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.

އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޕީއެންސީން މަދުވެގެން 800 ގޮނޑި ކާމިޔާބުކުރާނެ ކަމަށް އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހު ވަނީ ވިދާޅުވެފަ އެވެ.

އިންތިހާބަކާ ނުލައި ޕީއެންސީން މިހާރު ވެސް 69 ގޮނޑި ވަނީ ކާމިޔާބުކޮށްފަ އެވެ.