Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ދެ ދުވަސްތެރޭ 464،819 ރުފިޔާ ފުލުހުން ހޯދައިފި

ފާއިތުވި ދެ ދުވަސްތެރޭ 464،819 ރުފިޔާ ހޯދައި ވެރިފަރާތްތަކާ ފުލުހުން ހަވާލުކޮށްފި އެވެ.

މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ހެންވޭރު، ގަލޮޅު އަދި މާފަންނު ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން ފާއިތުވި 48 ގަޑިއިރު ކޮށްފައިވާ މަސައްކަތުގެ ތަފާސް ހިސާބު ފުލުހުން ވަނީ އާންމުކޮށްފަ އެވެ.

އެގޮތުން ގަލޮޅު ފުލުހުން ވަނީ ޖުމުލަ 365،099 ރުފިޔާ އަނބުރާ ހޯދާފައެވެ. އަދި ހެންވޭރު ފުލުހުން 65،000 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މާފަންނު ފުލުހުންގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، ގެއްލުނު 138،552 ރުފިޔާގެ ތެރެއިން މުޅި ޖުމުލަ 34،720 ރުފިޔާ ވަނީ އަނބުރާ ހޯދާފަ އެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފެބްރުއަރީ 21 އާއި 22 އާއި ދެމެދު 48 ގަޑިއިރު ތެރޭގައި ގަލޮޅު ޕޮލިސް ސްޓޭޝަންގައި 35 މައްސަލައެއް ރިކޯޑުކޮށްފައި ވެއެވެ.

މީގެ އިތުރުން 911 އަށް ގުޅާފައިވާ 18 ކޯލް އެއް ޑިސްޕެޗް ކޮށްފައިވާކަން ފާހަގަކޮށް 2 ސެލްފް ޑިސްޕެޗް ކޭސް އެއް ހިނގާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި 151 މީހަކު ހުއްޓުވާ ސުވާލު ކޮށްފައިވާ އިރު، 3 މީހަކު ހައްޔަރު ކޮށްފައިވާކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

ހެންވެއިރު ޕޮލިސް ސްޓޭޝަންގައި މި މުއްދަތުގައި 24 މައްސަލައެއް ރިކޯޑުކޮށްފައިވާ ކަމަށާއި، 146 މީހަކު ހުއްޓުވާ ސުވާލުކޮށްފައިވާއިރު އެކަކު ހައްޔަރކޮށްފައިވެއެވެ. އަދި 22 އަށް ވުރެއް ގިނަ ފަހަރު ފުލުހުން ފައި މަގުން ޕެޓްރޯލް ކޮށްފައިވާކަމަށާއި 752 ތަނެއް ބަލައި ފާސްކޮށްފައި ވާކަމަށާއި 101 ޓްރެފިކް އެންގޭޖްމެންޓް ހިނގާފައިވަކަން ފާހަގަކޮށް 6 ފަހަރު މުޖުތަމައުގެ އެކި ކަންކަމާ ގުޅޭ އެންގޭޖްމެންޓުތައް ހިނގާފައިވަކަމަށް ބުނެއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މާފަންނު ޕޮލިސް ސްޓޭޝަންގައި 35 މައްސަލައެއް ރިކޯޑުކޮށްފައި ވެއެވެ. އަދި 10 ހާދިސާއަކަށް އަމިއްލައަށް އިސްނަގައިގެން ހަރަކާތްތެރިވެފައިވާއިރު، 33 ހާދިސާއެއް ރިކޯޑުކޮށްފައިވެއެވެ.