بِاسْمِ اللهِ، وَالْحَمْدُ لِلَّهِ، وَالصَّلَاةُ وَالسَّلَامُ عَلَى رَسُوْلِ اللهِ. أَمَّا بَعْد:
އަބޫ ހުރައިރާ رضي اللهُ عنه ގެ ކިބައިން ރިވާވެފައި ވެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: «مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ» متفقٌ عليه.
މާނައީ: “އީމާންވެ ހުރެ، (ﷲގެ ޙަޟްރަތުން) ޘަވާބާއި ދަރުމައަށް އެދޭ ޙާލު ރަމަޟާން މަހު ރޭއަޅުކަންކޮށްފި މީހާ ދަންނާށެވެ! އޭނާގެ އިސްވެ ގޮސްފައި ވާ ފާފަތައް ފުހެވިގެންދާނެއެވެ.”
މި ޙަދީޘަކީ ރަމަޟާން މަހުގެ ރޭއަޅުކަންކުރުމުގެ މާތްކަން ދަލީލުކޮށްދޭ ޙަދީޘެކެވެ. އަދި އެއީ ފާފަތައްފުއްސެވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. އެދެވޭ ގޮތުގައި (ރަމަޟާން މަހު) ތަރާވީޙު ނަމާދުކޮށްފި މީހާ، ހަމަކަށަވަރުން ވެސް ރަމަޟާން މަހު ރޭއަޅުކަންކޮށްފިއެވެ.
ފާފަތައް ފުއްސެވުން މި ވަނީ ޝަރުޠުކުރެވިފައެވެ. އެއީ “އީމާންވެ ހުރެ، (ﷲ ގެ ޙަޟްރަތުން) ޘަވާބާއި ދަރުމައަށް އެދޭ ޙާލު” މި ބަސްފުޅާއެވެ. “އީމާންވެ ހުރެ” މާނަ އަކީ ﷲ ގެ ވަޢުދުފުޅާއި، ރޭއަޅުކަންކުރުމުގެ މާތްކަމާއި، ﷲ ގެ ޙަޟްރަތުގައި ވާ ރޭއަޅުކަމުގެ އަޖުރުގެ ބޮޑުކަން ތެދުކުރާ ޙާލު ރޭއަޅުކަންކުރުމެވެ. “(ﷲ ގެ ޙަޟްރަތުން) ޘަވާބާއި ދަރުމައަށް އެދޭ ޙާލު” މާނައަކީ ދެއްކުންތެރިކަމެއް ނުވަތަ މި ފަދަ އެހެން އެއްވެސް ގަސްތަކާނުލައި، ހަމައެކަނި ﷲ ގެ ޙަޟްރަތުގައި ވާ ޘަވާބަށް އެދިގެން ރޭއަޅުކަންކުރުމެވެ.
އަބޫ ހުރައިރާ رضي اللهُ عنه ވިދާޅުވިއެވެ: «كَانَ رَسُولُ اللهِ ﷺ يُرَغِّبُ فِي قِيَامِ رَمَضَانَ مِنْ غَيْرِ أَنْ يَأْمُرَهُمْ فِيهِ بِعَزِيمَةٍ فَيَقُولُ: مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ» މާނައީ: “ރަމަޟާން މަހު ރޭއަޅުކަންކުރުމަށް ރަސޫލާ ﷺ ބާރުއަޅުއްވައި އުޅުއްވިއެވެ. އެއީ ވާޖިބުކަމެއްގެ ގޮތުގައި އަމުރުކުރުމާ ނުލައެވެ. އަދި ޙަދީޘްކުރައްވައެވެ: “އީމާންވެ ހުރެ، (ﷲ ގެ ޙަޟްރަތުން) ޘަވާބާއި ދަރުމައަށް އެދޭ ޙާލު ރަމަޟާން މަހު ރޭއަޅުކަންކޮށްފި މީހާ ދަންނާށެވެ! އޭނާގެ އިސްވެ ގޮސްފައި ވާ ފާފަތައް ފުހެވިގެންދާނެއެވެ.”
ފަހެ މުސްލިމު އަޅާ އިމާމު މީހާއާ އެކު ތަރާވީޙު ނަމާދުކުރުމަށް ސަމާލުކަންދީ ރައްކާތެރިވާންޖެހެއެވެ. އަދި ތަރާވީޙު ނަމާދުން އެއްވެސް މިންވަރެއް ގެއްލުވާލައިގެން ނުވާނެއެވެ. އަދި އިމާމު މީހާ -އެގާރަ ނުވަތަ ތޭރަ ރަކުޢަތަށް ވުރެ އިތުރުކުރި ނަމަވެސް- އިމާމު މީހާއަށް ވުރެ ކުރިން ފައިބައިގެން ގޮސްގެން ނުވާނެއެވެ. އެއީ ނަބިއްޔާ ﷺ ގެ މި ބަސްފުޅަށް ބިނާކޮށެވެ. «مَنْ قَامَ مَعَ الإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ» މާނައީ: “އިމާމު މީހާ ނިމެންދެން (ތަރާވީޙު ނަމާދުގައި) ބައިވެރިވެއްޖެ މީހާ، މުޅި ރޭ އެއްކޮށް ރޭއަޅުކަންކުރުމުގެ އަޖުރު ލިޔުއްވޭހުއްޓެވެ.”
އިމާމު މީހާ ނިމެންދެނޭ ބުނާ ބަހުގެ މާނައަކީ ނަމާދު ނިންމާލުމެވެ. އެއް އިމާމަށް ވުރެ ގިނަ އިމާމުން ތަރާވީޙު ނަމާދުކުރާ ޙާލަތްތަކުގައި ފުރަތަމަ އިމާމު ނިންމާލުމެއް ނޫނެވެ. މިއީ ޢަދަދުކުރެވޭ ވަރަށް މަދު ދުވަސްކޮޅެކެވެ. ބުއްދިވެރިޔާ މި ދުވަސްތައް ފާއިތުވުމުގެ ކުރިއަށް އޭގެ ފައިދާ ލިބިގަންނާނެއެވެ.
އަބޫ ދާވޫދު ވިދާޅުވިއެވެ: އިމާމު އަޙްމަދަށް ދެންނެވެނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. «يؤخِّر القيام – يعني التراويح – إلى آخر الليل؟ قال: لا، سُنَّة المسلمين أحبُّ إليَّ» މާނައީ: “ރޭއަޅުކަން (އެބަހީ ތަރާވީޙު ނަމާދު) ރޭގަނޑުގެ ފަހުބަޔަށް ލަސްކޮށްލާނީތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ: ނޫނެކެވެ. މުސްލިމުތަކުންގެ ސުންނަތް (އެބަހީ އިރާކޮޅު ޖަމާޢަތުގައި ތަރާވީޙު ނަމާދުކުރާކުރުން) ތިމަންކަލޭގެފާނުގެ އަރިހުގައި މާ ލޮބިވެތިއެވެ.”
ހާރުދަމުގެ ވަޤުތު އަނެއްކާ ވެސް އެ މީހަކަށް މިންވަރުކުރެވިފައި ވާ ޢަދަދަކަށް ރޭއަޅުކަން ކުރާ މީހާ، (ދެ ރަކުޢަތުން ދެ ރަކުޢަތުން ނަމާދުކޮށް) ނިންމާލައި އިތުރަށް ވިތުރި ނަމާދު ނުކުރާނެއެވެ. އެހެނެއްކަމަކު އިރާކޮޅު އިމާމު މީހާއާ އެކު ތަރާވީޙު ނަމާދުގައި ކުރި ވިތުރި އޭނާއަށް ފުދޭނެއެވެ. އެއީ ޠަލްޤު ބުނު ޢަލީ رضي اللهُ عنه ގެ މި ޙަދީޘަށް ބިނާކޮށެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: «لا وِتْران في لَيْلَة» މާނައީ: “އެއް ރެއެއްގައި ދެ ވިތުރިކުރުމެއް ނުވެއެވެ.”
އިބްނު ޢުމަރު رضي اللهُ عنه ގެ ކިބައިން ރިވާވެފައި ވާ އަންނަނިވި ޙަދީޘާ މެދު ދަންނައެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: «اجعلوا آخر صلاتكم بالليل وتراً» މާނައީ: “ތިޔަބައިމީހުން ރޭގަނޑު ކުރާ އެންމެ ފަހު ނަމާދަށް ވިތުރި ނަމާދު ހަދާށެވެ.” މި ޙަދީޘުގައި މި ވަނީ އިރާކޮޅު ވިތުރިނުކޮށް ރޭގަނޑުގެ ފަހުބައިގައި ރޭއަޅުކަން ކުރާ މީހާގެ ވާހަކައެވެ. އަދި މި ޙަދީޘުގައި މި ވާ އަމުރުގެ މުރާދަކީ މަންދޫބު (ސުންނަތް) ކަމެއްގެ ގޮތަށެވެ.
ފަހެ މި ފަދަ މީހާ (އެބަހީ އިރާކޮޅު ވިތުރިކޮށްފައި ވާ މީހާ) ރޭގަނޑުގެ ފަހުބައިގައި ކުރާ ރޭއަޅުކަން ވިތުރި ނަމާދުން ނިންމާލުން ލާޒިމެއް ނޫނެވެ. އެއީ ނަބިއްޔާ ﷺ ވިތުރި ނަމާދަށް ފަހު، ރޭގަނޑުގެ ފަހުބައިގައި ނަމާދުކުރެއްވިއެވެ.
ނަމާދުކުރާ މީހާ ވިތުރި ނަމާދު ނިންމާލައި «سُبْحَانَ الْمَلِكِ الْقُدُّوسِ» މި ފަދައިން ތިންފަހަރު ކިޔާނީއެވެ. ތިންވަނަ ފަހަރަށް ކިޔާނީ އަޑުހަރުކޮށެވެ. އެއީ ނަބިއްޔާ ﷺ ގެ ކިބައިން މި ފަދައިން ވާރިދުވެފައި ވާތީއެވެ.
اللَّهُمَّ أَيْقِظْ قُلُوبَنَا مِنْ رَقَدَاتِ الْآمَالِ، وَذَكِّرْنَا قُرْبَ الرَّحِيلِ وَدُنُوَّ الْآجَالِ، وَثَبِّتْ قُلُوبَنَا عَلَى الْإِيمَانِ، وَوَفِّقْنَا لِصَالِحِ الْأَعْمَالِ، وَاغْفِرْ لَنَا وَلِوَالِدَيْنَا وَلِجَمِيعِ الْمُسْلِمِينَ.
ޔާ ﷲ! (ދުނިޔަވީ) އުއްމީދުތަކުގެ ނިދިން އަޅަމެން ހޭލުއްވައި، (އުޚްރަވީ ޙަޔާތުގެ) ދަތުރާއި އަޖަލުގެ ނިމުން ނުހަނު ކައިރިކަން ހަނދުމަކޮށްދެއްވާނދޭވެ! އަދި އަޅަމެންގެ ހިތްތައް އިމާންކަން މަތީ ޘާބިތުކުރައްވާނދޭވެ! އަދި ޞާލިޙު ޢަމަލުކުރުމަށް އަޅަމެންނަށް ތައުފީޤުދެއްވާނދޭވެ! އަދި އަޅަމެންނަށާއި، އަޅަމެންގެ މައިންބަފައިންނަށާއި، އެންމެހާ މުސްލިމުތަކުންނަށް ފާފަފުއްސަވާނދޭވެ!
މަސްދަރު: އިލްމު.އެމްވީ