އދ. ގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލަށް ވާދަކުރުމަށް ރާއްޖެއިން ނިންމައިފި އެވެ.
މިކަން އިއުލާންކުރެއްވީ އ.ދ.ގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލްގެ 61 ވަނަ ސެޝަންގެ ޢާންމު ބަހުސްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ދެއްވި ތަގުރީރުގަ އެވެ.
ރާއްޖެއިން ކުރިމަތިލުމަށް ނިންމާފައިވަނީ 2028 އިން 2030 އަށް ކުރިއަށްދާނެ ކައުންސިލް ދައުރަށެވެ.
މިނިސްޓަރު ހަލީލުގެ ތަގުރީރުގައި ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގެ އުޞޫލުތަކަށް ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަޤީންކަން ދެއްވި އެވެ. އަދި ކޮންމެ މީހަކީވެސް މިނިވަންކަމާއި ހަމަހަމަކަން އަދި އިންސާނީ ޙައްޤުތައް ކަށަވަރުވެފައިވާ ބައެއްކަން ހަނދާންކޮށްދެއްވައި، އެ އުޞޫލުތައް ނެގެހެއްޓުމަކީ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ޒިންމާއެއްކަން ހަނދާންކޮށްދެއްވި އެވެ.
މީގެ އިތުރުން އިންސާނީ ޙައްޤުތައް ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމާއި އަދި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި މަޝްވަރާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.
އަދި ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަން ހަރުދަނާ ކުރުމަށާއި، ޤާނޫނު ހިންގުމަށާއި, މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައިވެ އެވެ. އަދި، ކޮރަޕްޝަނާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކާއި، އަންހެން ވިޔަފާރިވެރިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ކުޑަކުދިން ފަދަ ޚާއްސަ އަޅާލުން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އިޖްތިމާޢީ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތްތައް މިނިސްޓަރ ހިއްސާކުރެއްވި އެވެ.
ހަމައެއާއެކު، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ނިޒާމުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކޮށްފައިވާކަން ފާހަގަކޮށް 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގެ ހަތަރުވަނަ ޔުނިވާރސަލް ޕީރިއޮޑިކް ރިވިއު ކާމިޔާބުކަމާއެކު ކުރިއަށް ދިޔަކަން ތަގްރީރުގައި ފާހަގަކުރެއްވިއެވެ. އަދި ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، ރާއްޖެއިން އަބަދުވެސް މަސައްކަތްކުރަނީ, އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށްކަމަށާއި، އެ ޤައުމުތަކުގެ ބައިވެރިވުން ދެމެހެއްޓެނިވި ގޮތެއްގައި މި ކައުންސިލްގައި އިތުރުކުރުމަށްކަމަށްވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.