ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުން އެމްޑީޕީ މިހާރުވެސް ބަލިވެފައިވާ ކަމަށް ވެރިކަން ކުރާ ޕީޕަލްސް ނެޝަަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ތިނަދޫ ސިޓީގެ މާލެ ކެމްޕޭން އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ފަލާހު ވިދާޅުވީ ކައުންސިލް އިންތިހާބުގެ 1،352 ގޮނޑީގެ ތެރެއިން އެމްޑީޕީން ވާދަނުކުރާ 450 ގޮނޑި އެބައޮތް ކަމަށާއި މިއީ ރައްޔިތުން ވިސްނަންޖެހޭ ކަމެއް ކަމަށެވެ.
"އިދިކޮޅު އެންމެ ބޮޑު ޕާޓީކަމަށް ވިދާޅުވާ އެމްޑީޕީން 450 ގޮނޑި އެބައޮތް ވާދަނުކުރައްވާ. މީ އަޅުގަނޑުމެން ރައްޔިތުން ވިސްނަންޖެހޭކަމެއް. 1،352 ދެ ގޮނޑީގެ ތެރެއިން 450 ހަކަށް ގޮނޑި އެބައޮތް އެމްޑީޕީން ވާދަނުކޮށް، ވާދަނުކުރައްވާ، ވާދަކުރާނެ ކެންޑިޑޭޓުން ނުލިބިފަ. މިހާރުވެސް ބަލިވެއްޖެ ނުންތޯ. އެއީ ޕަސަންޓޭޖަށް ބަލައިފިކަމަށްވަންޏާ ގާތްގަނޑަކަށް 30 ޕަސަންޓް ގޮނޑިއަށް އެމްޑީޕީ ވާދަނުކޮށް މިއޮތީ،" ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ އެކަމުން ދޭހަވަނީ އެމްޑީޕީގެ ތާއީދު ދަށްވެފައިވާ މިންވަރު ކަމަށާއި ޒިންމާދާރުކޮށް، ރަނގަޅު ސިޔާސީ މަސައްކަތްތަކެއް ކުރާ ޕާޓީތަކެއް އޮންނަންޖެހޭ ކަމަށެވެ. އަދި އެމްޑީޕީއަށް މިހާރު ދިމާވެފައިވާ ހާލަތަކީ 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އިޖުތިމާއީ ފޭރާމާއި، އިގުތިސޯދާއި އަދި ދައުލަތަށް އެމްޑީޕީން ގެއްލުން ދީފައި ވާތީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވުން ކަމަށްވެސް ވިދާޅުވި އެވެ.
ފަލާހު ވަނީ އެމްޑީޕީ ނަގާ ކޮޅަށް ދެން ނުޖެހޭނެ ކަމަށާއި އެމްޑީޕީގެ ލީޑާޝިޕުގައި ތިއްބެވި ބޭފުޅުން ސިޔާސީ މަސައްކަތް ކުރިއަށް ގެންދަން ބޭނުންވާ ނަމަ، އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ވެސް ގޮވާލާފަ އެވެ.