Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ޕީއެންސީގެ ކެންޑިޑޭޓުން ގާބިލު، ހޮވަންޖެހޭ: ޝަހީމް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޕީއެންސީން ނެރެފައިވަނީ ގާބިލު ކެންޑިޑޭޓުންތަކެއް ކަމަށާއި އެ ކެންޑިޑޭޓުން އިންތިހާބު ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ތިނަދޫ ސިޓީގެ މާލެ ކެމްޕޭން އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ޝަހީމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލަށް ވެސް ޕީއެންސީގެ ކެންޑިޑޭޓުން ހޮވުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށާއި ސަބަބަކީ ޕީއެންސީގެ ކެންޑިޑޭޓުންނަކީ ތަހުޒީބު، ގާބިލް އަދި ސުލްހަވެރިކަމަށް ލޯބިކުރާ ބަޔަކަށް ވުމުން ކަމަށެވެ.

މި ވަގުތަކީ ރައްޔިތުންގެ އަޚުވަންތަކަން އިތުރަށް ބަދަހިކުރަން ޖެހޭ ވަގުތެއް ކަމަށާއި ސިޔާސީ ގޮތުން އިދިކޮޅުގައި ތިބި މީހުން ވެސް ޕީއެންސީއާ ގުޅުމަށް ޝަހީމް ގޮވާލެއްވި އެވެ.

"މިއީއޭ ފަޅިއަކީ. އިރާދަކުރެއްވިއްޔާ މި ފަޅިއޭ ކުރި ހޯދާނީ. މި ފަޅިއަށް ނަސްރު ލިބޭނީ އިރާދަކުރެވިއްޔާ މި އިންތިހާބުގައި،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެ އޮތީ ސިޔާސީ އޮއިވަރުތަކެއްގައި ކަމަށާއި ނަމަވެސް ސިޔާސީ އެ އޮއިވަރުތަކުން، ރާއްޖެ ސަލާމަތްކޮށް، އަމާންކަމުގެ އައްސޭރިއަށް ގެެނެސްދީފައިވަނީ މި ސަރުކާރުން ކަމަށެވެ.

"އެހެންކަމުން މި ހާލަތު ދެމެހެއްޓުމަށްޓަކައި މިހާރު ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ސަރުކާރުގެ ކެންޑިޑޭޓުން، ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުން، ސަރުކާރުގެ ތަސައްވަރަށް ތާއީދުކުރާ ކެންޑިޑޭޓުން މި އިންތިހާބު ކާމިޔާބުކުރުމަކީ، ކުރިއަށް މިއޮތް ދުވަސްތަކުގައި މި ވެރިކަން އިތުރަށް ބަދަހިކަމާއެކު ދެމެހެއްޓުމަށް އެޅިގެންދާނެ ވަރަށްވެސް ވަރުގަދަ ބިންގަލަކަށްވާނެ،" ޝަހީމް ވިދާޅުވި އެވެ.

މީގެއިތުރުން ތިނަދޫގެ ތަރައްގީއަށް ބަލާއިރު ފެނިގެންދަނީ ޕީއެންސީގެ ފިކުރުގެ ތެރެއިން އައިސްފައިވާ ތަރައްގީތައް ކަމަށާއި ތިނަދޫގެ ތަރައްގީއަށް، ރައީސް މުއިއްޒު ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.