އެމްޑީޕީއަށް ރައްޔިތުންގެ ތާއީދު ގެއްލިފައިވާ ކަމަށާއި އެ ޕާޓީ ދެން ކޮޅަކަށް ވެސް ނުޖެހޭނެ ކަމަށް ވެރިކަން ކުރާ ޕީޕަލްސް ނެޝަަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ތިނަދޫ ސިޓީގެ މާލެ ކެމްޕޭން އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ފަލާހު ވިދާޅުވީ އެމްޑީޕީއަށް މިހާރު ދިމާވެފައިވާ ހާލަތަކީ 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އިޖުތިމާއީ ފޭރާމާއި، އިގުތިސޯދާއި އަދި ދައުލަތަށް އެމްޑީޕީން ގެއްލުން ދީފައި ވާތީ ރައްޔިތުންގެ މުޅި ތާއީދު އެއްކޮށް ގެއްލިފައިވާ ކަމަށެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެމްޑީޕީ ނަގާ ދެން ކޮޅަކަށް ނުޖެހޭނެ. ދެން އެ ބޭފުޅުންނަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުން،" ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ މީގެ ދެ ދުވަސް ކުރިން އެމްޑީޕީގެ ޓިކެޓުގައި މޭޔަރު ކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ، މާލޭގެ މޭޔަރު ޑޯޓުޑޯގައި އުޅުއްވަނިކޮށް ދެކެވަޑައިގެންނެވި ކަމަށާއި މޭޔަރާއެކު ތިއްބެވީ އެންމެ ދެ ބޭފުޅުން ކަމަށެވެ.
"ކައިރީގައި ނެތް އެކަކު ވެސް. މުޅި އެމްޑީޕީ މިއޮތީ ބައިބައިވެ، ފެކްޝަން ހެދިފައި،" ފަލާހު ވިދާޅުވި އެވެ.
އެމްޑީޕީއަކީ ޕީއެންސީ ފިޔަވައި ދައުލަތުން އެންމެ ގިނަ ފައިސާ ލިބޭ ޕާޓީއަށްވާއިރު، މިދިޔަ އަހަރު ވެސް އެމްޑީޕީއަށް ގާތްގަނޑަކަށް ނުވަ މިލިއަން ރުފިޔާ ލިބުނު ކަމަށް ފަލާހު ވިދާޅުވި އެވެ. އެކަމަކު، އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕެއިނަށް އެ ފައިސާ ހަރަދު ކުރަމުން ނުދާ ކަމަށާއި ޕާޓީތަކަށް ދައުލަތުން ދޭ ފައިސާއަކީ ޕާޓީގެ ވެރިން ބޮޑެތި މުސާރަ ނެގުމަށް ދޭ ފައިސާއެއް ނޫން ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.