Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ފުލުހުން ރިފްލެކްޓިވް އާމް ބޭންޑް ހަދިޔާކޮށްފި

ރޭގަނޑުގެ ވަގުތުގައި މަގުމަތީގައި ދުވެ ކަސްރަތުކުރާ މީހުންނަށް ލ. ފޮނަދޫ ފުލުހުން ރިފްލެކްޓިވް އާމް ބޭންޑް ހަދިޔާކޮށްފި އެވެ.

އެ ހަދިޔާކުރީ މަގުމަތީގައި ކަސްރަތުކުރާ މީހުން ހޭލުންތެރި ކުރުވުމުގެ އެ ރަށުގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރޭގަ އެވެ. މި އެ ހަރަކާތަކީ ދުވެ ކަސްރަތުކުރުމަށް މަގު ބޭނުންކުރާ މީހުންނަށް އެންމެ އެކަށީގެންވާ ރައްކާތެރި ކަމެއް ހޯދައި ދިނުމަށާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް ހޭލުންތެރި ކުރުވައި މަގުމައްޗަކީ ހުރިހާ މީހުންނަށް ވެސް އަމާން ތަނަކަށް ހެދުމަށް ޒިންމާދާރުކުރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

އެ ހަރަކާތުގައި، ކަސްރަތު ކުރުމަށް މަގު ބޭނުންކުރާއިރު ތިމާގެ އަމިއްލަ ނަފުސަށް ރައްކާތެރިވުމަށާއި މަގު ހުރަސްކުރާ ނަމަ ސަމާލުކަން ދޭން ޖެހޭ ކަންކަން ފުލުހުން އާންމުންނަށް ކިޔައި ދީފައިވެ އެވެ. އަދި އަނދިރި މަގުތަކުގައި ދުވެ ނުވަތަ ހިނގާ ހަދާ ނަމަ މަގުން ދުއްވާ ވެހިކަލްތަކަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ނަސޭހަތްތެރިވެފައިވެ އެވެ.

ރޭގަނޑު ކަސްރަތު ކުރާ މީހުންނަށް ފުލުހުން ހަދިޔާކުރި ރިފްލެކްޓިވް އާމް ބޭންޑަކީ މަގުމަތީގައި އުޅޭ އިރު ފާހަގަވާނެ ވަސީލަތެކެވެ.

އާންމު މަގުތަކަށް ނުކުމެ ކަސްރަތަށް ދުވެ، ހިނގުމަކީ ދިވެހިން އާންމުކޮށް ކުރާ ކަމެކެވެ. ހާއްސަކޮށް ރޭގަނޑު ދުވުމަށާއި ހިނގަން މަގުތަމަށް ނުކުންނަ މީހުން ގިނަ އެވެ.

މިދިޔަ އަހަރު މާލޭގައި ކަސްރަތަށް މަގަކަށް ނުކުމެ އުޅުނު މީހަކު އެކްސިޑެންޓްވެ ވަރަށް ހިތާމަވެރި ހާދިސާއެއް ހިނގާފައިވެ އެވެ.