Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

"އަފިރިންގެ އަމާން ސިޓީ" އޮޕަރޭޝަނުގައި 57 މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ އޮޕަރޭޝަނެއްގައި ވެހިކަލްތައް ޗެކް ކުރަނީ. ފޮޓޯ/ އައްޑޫ ލައިވް

މި ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ފުލުހުން އައްޑޫގައި ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަން "އަފިރިންގެ އަމާން އައްޑޫ ސިޓީ" ގައި މިހާތަނަށް 206 މީހެއްގެ ހަށިގަނޑު ޗެކްކޮށް 57 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެގޮތުން ހައްޔަރު ކުރި 57 މީހެއްގެ ތެރެއިން 41 މީހަކީ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރިމީހުނެވެ. އަނެއް 16 މީހުނަކީ ތަފާތު އެހެން މައްސަލަތަކުގައި ހައްޔަރު ކުރެވުނު މީހުންނެވެ.

ފުލުހުން ރޭ އާއްމު ކުރި ތަފާސް ހިސާބު ތަކުގައި މި ޖެނުއަރީ މަހުގެ 17 އިން 20 ވަނަ ދުވަހާއި ހަމައަށް 206 މީހެއްގެ ބޮޑީ ޗެކްކޮށްފަވާ އިރު، 224 މީހަކަށް ވަނީ ނަސޭހަތްތެރިވެ ދޫކޮށްލާފައެވެ.

އަދި ބަނގުރާ ކައްކާ ކަމުގެ މައުލޫމާތާއި ބޭނުން ކޮށް ވިއްކާ ތަންތަންގެ ގޮތުގައި އާއްމުން ރިޕޯޓް ކުރި 153 ތަނެއް ވަނީ ބަލައި ޗެކް ކޮށްފައެެވެ. އޭގެ ތެރެއިން ގިނަ ތަންތަނަކީ ބަނގުރާ ކައްކާ ތަން ތަން ކަމަށް ފުލުހުން ބުނެ އެވެ.

އައްޑޫ ސިޓީ ކައުންސިލާއި އާއްމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެކު އައްޑޫ ސިޓީ އަމާންތަނަކަށް ހެދުމަށް ގެންދާ މި އޮޕަރޭޝަނުގައި އެއްގަމުގައި ދުއްވާ ތަކެތީގެ ގާވާއިދަށް ނުފެތޭ 5 ވެހިކަލެއް ފުލުހުން ވަނީ ޓޯކޮށްފަ އެވެ.
އަދި 214 ވެހކަލެއް ވަނީ ބަލައި ފާސްކޮށްފައެވެ. ފުލުހުން ބުނީ މިހާތަނަށް 18 އަހަރު ނުފުރޭ 3 ކުއްޖަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

ފުލުހުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނުގައި މަގުމަތިން ގިނައިން މަޑުކޮށް ޗެކް ކުރާ މީހުން މަސްތުވެގެން ތިބި ހާލު ދުއްވާއެއްޗެހި ދުއްވަމުންދާކަން ފުލުހުން ފާހަގަ ކުރިއެވެ.
އެގޮތުން ބާރު ސްޕީޑްގައި ދުއްވާ މީހުންގެ އެވްރެޖް އުމުރަކީ 18-25 އަހަރާ ދެމެދު ކަމަށް ފުލުހުން ބުނެ އެވެ.