Last Updated: June 5, 19:20
Friday, June 5, 2026
ޚަބަރު

ފޭދޫގައި ފުޓްސަލް ދަނޑެއް ހަދަން ބީލަމަށް

ފޭދޫގައި ފުރަތަމަ ހެދި ފުޓްސަލް ދަނޑު.

އައްޑޫ ފޭދޫގައި ފުޓްސަލް ދަނޑެއް ތަރައްގީ ކުރަން މިދިޔަ އަހަރު ސަރުކާރުން ބަޔަކާ ހަވާލުކޮށްފައި ވަނިކޮށް، ފުޓްސަލް ދަނޑެއް ތަރައްގީކޮށް ދޭނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.

މި ސަރުކާރުން ފޭދޫގައި ފުޓްސަލް ދަނޑެއް ހަދަން ޒެބޮކް ކިޔާ ކުންފުންޏަކާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ގަ އެވެ. އެކަމުގެ އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ނިޒާމެވެ. އަދި ޒެބޮކްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ހަސަން މުއާނެވެ.

ޒެކޮބްއާ ފޭދޫ ފުޓްސަލް ދަނޑު ހަދަން ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 27 ގައި.

ކައުންސިލުން ބުނީ ފުޓްސަލް ދަނޑު ތަރައްގީކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 24 އާ ހަމަައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 3 އާ ހަމައަށެވެ.

ރަޖިސްޓްރީ ވާނީ ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެހާއި ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް މި މެއިލް އަށް ފޮނުވައިގެންނެވެ. އަދި ރަޖިސްޓްރޭޝަނަށް 300ރ. ދައްކަން ޖެހެ އެވެ.

މީގެ އިތުރުން މި ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 19،000ރ. ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 120 ދުވަހެވެ.

މި ބީލަމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް އަންނަ މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ފުޓްސަލް ދަނޑު ތަރައްގީ ކުރަން ނިންމާފައިވާ ސަރަހައްދުގައި އޮންނާނެ އެވެ.

ފޭދޫގައި ކުރިން ވެސް ފުޓްސަލް ދަނޑެއް ހަދާފައިވެ އެވެ. އެގޮތުން ފޭދޫ މާދެލަ ދާއިރާގެ ފްލެޓް ސަރަހައްދުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީކުރީ ފުޓްސަލް ދަނޑު ހުޅުވީ ޖުލައި 24، 2014 ގަ އެވެ.