އައްޑޫގައި ޑެންގީ ހުން ފެތުރެމުންދާތީ، އެކަމަށް ސަމާލުވުމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އިލްތިމާސްކޮށްފި އެވެ.
އެ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފަހަކަށް އައިސް ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވަމުންދާ ކަމަށެވެ.
ޑެންގީ ވައިރަސް ފެތުރެނީ ޑެންގީ ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށްފަހު، އެ މަދިރި ގޮސް ސަލާމަތުން ހުރި މީހެއްގެ ގައިގައި ހެފުމުގެ ތެރެއިން ކަމަށާއި މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި މަދިރިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ބަޔާނުގައިވެ އެވެ.
އެގޮތުން ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި ގޯތިތެރެއާއި މަގުމައްޗަށް ފެން ހަރުލާ ފަދަ ތަކެތި އުކާނުލުމަށާއި، މަދިރި އާލާވާނެ ފަދަ ތަންތަން ސާފުކުރުމަށާއި މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމަށާއި، މަދިރި ލޯޝަނާއި ސްޕްރޭ ފަދަ ތަކެތި ބޭނުންކުރުމަށް ވެސް ވަނީ އެދިފައެވެ.
މީގެ އިތުރުން މަދިރި އެންމެ ގިނަވާ ވަގުތުތައް ކަމަށްވާ ހެނދުނު އިރުއަރާ ވަގުތާއި ހަވީރު އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަކީ މުހިންމު ކަމެއްގެ ގޮތުގައި އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާއި، ގަދައަށް ހުން އައުމާއި، ބޮލުގައި ރިއްސުމުގެ އިތުރުން ލޮލުގައި ރިއްސުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުން ހިމެނޭ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
އެހެންކަމުން އެފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ވަނީ އެދިފަ އެވެ.