ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ކުރަން ބޭނުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ޔޫއޭއީ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޝައިޚް ރަހްމާން ބިން ޢަބްދުލްރަހްމާން ބިން ރަހްމާ އަލް ޝަމްސީ، ރައީސްގެ އަރިހަށް މިއަދު ކުރެއްވި ވަދާއީ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަފީރުކަމުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި، ސަފީރުގެ ދައުރުގައި ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވިއެވެ.
އަދި މި މުއްދަތުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުން އިތުރަށް ހަރުދަނާވެ، ހާސިލުކުރެވުނު ކުރިއެރުންތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ރައީސް ވަނީ، ޔޫއޭއީ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ކުރެއްވުމަށް ބޭނުންފުޅުވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ދުވަސްތަކުގައި މިގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ހަމައެއާއެކު، ރައީސްގެ މިދައުރުގައި ރާއްޖެއިން ހޯދާފައިވާ ފާހަގަކޮށްލެވޭ ކުރިއެރުންތަކާއި ތަރައްޤީއަށް ސަފީރު ތައުރީފު ކުރެއްވިއެވެ.
މިބައްދަލުވުން ނިންމަވާލެއްވީ ރާއްޖެއާއި ޔޫއޭއީ އާ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެ ފަރާތުން ވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.