Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ދެ އިންތިހާބު އެއްކޮށްލާ ވޯޓުގެ ގަރާރު ބާތިލްކުރަން ކޯޓަށް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ބާތިލުކުރަން ކޯޓަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި އެވެ.

ރައީސް ނެރުއްވި ގަރާރުގައިވާ ގޮތުން ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓު ބާއްވާނީ ލޯކަލް ކައުންސިލް އިންތިހާބާ އެކީ އޭޕްރިލް 4 ގަ އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ރައީސް ނެރުއްވި ގަރާރު އޮތީ ގާނޫނުއަސާސީ އަށް ގެނައި އަށް ވަނަ އިސްލާހާ ހިލާފަށް ކަމަށާއި އެހެންކަމުން އެ ގަރާރު ބާތިލް ކުރުމަށް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ގާނޫނީ ގޮތުން ވެސް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން އެމްޑީޕީ އޮތީ ތައްޔާރަށް ކަމަށްވެސް މައުރޫފް ވިދާޅުވި އެވެ. އަދި އެ ގަރާރާއި މުޅި ރާއްޖޭގައި ކެމްޕެއިން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު، މާޗު މަހުގެ 21 ވަނަ ދުވަހު އެކަމާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ކުރުމަށް ނިންމާފައިވާ ކަމަށްވެސް މައުރޫފް ވިދާޅުވި އެވެ.

އެމްޑީޕީން މީގެކުރިން ވަނީ ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ގަރާރެއް ވެސް ފާސްކޮށްފަ އެވެ.

އެ ގަރާރުގައި ބުނެފައިވަނީ، ދެ އިންތިހާބު އެއްކޮށްލުމަށްޓަކައި ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ކަމަށެވެ. އަދި މި ބަދަލު ގެނައުމަށް މަޖިލީހަށް ބިލު ހުށަހެޅިއިރު، ރައްޔިތުންނާ ގުޅުންހުރި މިފަދަ މުހިންމު ކަމެއްގައި ރައްޔިތުންގެ ބަސް ހޯދުމަށް އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށްވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން، ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް އެކަށީގެންވާ ވަގުތު ނުދީ އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ނިޔަތް ރަނގަޅު ނޫންކަން ހާމަވާ ކަމެއް ކަމަށް އެމްޑީޕީގެ ގަރާރުގައިވެ އެވެ.