Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

އިންތިހާބަށް 26،454 މީހުން ރީ-ރަޖިސްޓަރީކޮށްފި

މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތު ހަމަވިއިރު 26,454 މީހުން ރީ- ރަޖިސްޓަރީ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އީސީން ބުނީ މި އިންތިޚާބުގައި ރިސޯޓުތަކާއީ ސިނާޢީ މަސައްކަތްކުރާ ރަށްތަކުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ، އެ ރަށަކަށް ވޯޓުލުމަށް މަދުވެގެން 30 މީހުން ރަޖިސްޓަރީވެފައިވާ ނަމަ ކަމަށާއި މި އިންތިޚާބުގައި މި އަދަދަށް ރަޖިސްޓަރީކޮށްފައިވަނީ 21 ރިސޯޓަކުން ކަމަށެވެ. އަދި ސިނާޢީ މަސައްކަތްކުރާ އެއްވެސް ތަނެއްގައި މި އަދަދަށް ރަޖިސްޓަރީކޮށްފައި ނުވާ ކަމަށް އީސީން ބުންޏެވެ.

ރާއްޖެއިން ބޭރު ޤައުމުތަކުގައި ވޯޓުފޮށި ބަހައްޓާނީ އެގައުމަކަށް ވޯޓުލުމަށް މަދުވެގެން 2,000 މީހުން ރަޖިސްޓަރީކޮށް، މަދުވެގެން ކޮންމެވެސް އެއް ދާއިރާއަކުން 40 މީހުން ރަޖިސްޓަރީވެފައިވާނަމަ ކަމަށާއި ރާއްޖޭއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް އިޢުލާންކޮށްފައިވާ ގައުމުތަކުގެ ތެރެއިން މި މުއްދަތުގައި، ރީ-ރަޖިސްޓަރީވެފައިވަނީ، ކަނޑައެޅިފައިވާ އަދަދަށްވުރެ މަދުން ކަމަށް އީސީން ބުނެ އެވެ. އެގޮތުން، މެލޭޝިއާއިން 499 މީހުން ރީ-ރަޖިސްޓަރީ ކުރިއިރު ސްރީލަންކާއިން 189 މީހުން ރީ-ރަޖިސްޓަރިކޮށްފައިވެ އެވެ.

ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަން އަދި ރާއްޖެއިން ބޭރުގައި ވޯޓުލުމަށްޓަކައި ކަނޑައެޅިފައިވާ ޢަދަދަށް ވުރެއް މަދުން ރަޖިސްޓަރީކޮށްފައިވާ މީހުން، ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު، މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 ގެ ނިޔަލަށް އީސީން ވަނީ ހުޅުވާލާފަ އެވެ.

މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، މި ވޯޓުފޮށި ނުބަހައްޓޭނެކަމަށް އިޢުލާނުގައިވާ ފޮށިތަކަށް ވޯޓު ލުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ މި ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައެވެ.

މީގެއިތުރުން، މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށްވެސް، ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 ގެ ނިޔަލަށް ރީ-ރަޖިސްޓަރީވުމަށް ވަނީ ހުޅުވާލާފަ އެވެ.