ކުޅުދުއްފުށި މަށި ކުޅިއަށް ދޫކޮށްލާފައިވާ ވެލާ ކަހަނބުގެ ބާވަތެއް ކަމަށްވާ ހޯކްސްބިލް ސީ ޓާޓްލްއެއް މިއަދު ރައްކާތެރިކަމާއެކު އޭގެ ގުދުރަތީ މާހައުލަށް އަނބުރާ ދޫކޮށްލައިފި އެވެ.
ކުޅުދުއްފުށީ ސިޓީ ކައިންސިލުން ވަނީ އެ މަސައްކަތުގައި އެ ސިޓީގެ ފުލުހުންގެ ފަރާތުން ލިބުނު އަވަސް އިޖާބައަށާއި ދިން އެއްބާރުލުމަށް ޝުކުރެއް ވެސް އަދާކޮށްފަ އެވެ.
ކައުންސިލުން ބުނީ ކުޅިތަކާއި ޗަސްބިންތަކަކީ ނާޒުކު އަދި ހާއްސަ މާހައުލުތަކަކަށްވާތީ، އެ ތަންތަން އޭގެ ގުދުރަތީ ގޮތަށް ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިފަދަ މާހައުލުތަކުގައި ގުދުރަތީ ގޮތުން ނޫޅޭ، ދިރުންތައް އެތަންތަނަށް ދޫކުރުމަކީ، މާހައުލުގެ ގުދުރަތީ ސިފަތައް ގެއްލި، އެ ދޫކުރެވޭ ދިރުންތަކަށާއި މުޅި މާހައުލަށް ވެސް ގެއްލުންވެދާނެ ކަމެއް ކަމަށް ވެސް ބުންޏެވެ.
އެހެންވެ ކަނޑުގެ ދިރުންތަކާއި ކޯރުމަސް، އެކުއެރިއަމް ގަސް ފަދަ ދިރުންތައް ކުޅިތަކަށް ދޫނުކުރުމަށް އެންމެހާ ރައްޔިތުންގެ ފަރާތުން އެދޭ ކަމަށް ވެސް ކުޅުދުފުއްށީ ކައުންސިލުން ބުންޏެވެ. އަދި މަހަށް ކާން ދިނުން ފަދަ ކަންކަމަކީ ކުޅީގެ ގުދުރަތީ ނިޒާމަށް ބަދަލު އައިސް، ބަލިތަކާއި އަލްގަލް ބުލޫމް ނުވަތަފެން ފެއްސަށްވުމަށް މަގުފަހިކޮށްދޭ ކަމެއްކަމުން އެކަމުން ވެސް ދުރުހެލިވުމަށް އިލްތިމާސްކޮށްފައިވެ އެވެ.