Last Updated: June 5, 11:07
Friday, June 5, 2026
ރިޕޯޓް

ކީރިތި ޤުރުއާން ކިޔެވުމުގެ މާތްކަން

بِاسْمِ اللهِ، وَالْحَمْدُ لِلَّهِ، وَالصَّلَاةُ وَالسَّلَامُ عَلَى رَسُوْلِ اللهِ. أَمَّا بَعْد:

އަބޫ އުމާމާ رضي اللهُ عنه ގެ ކިބައިން ރިވާވެފައި ވެއެވެ. ނަބިއްޔާ ޙަދީޘްކުރެއްވިއެވެ:

«اقْرَؤُوا الْقُرْآنَ فَإِنَّهُ يَأْتِي يَوْمَ الْقِيَامَةِ شَفِيعًا لِأَصْحَابِهِ» رواه مسلم.

މާނައީ: “ތިޔަބައިމީހުން ޤުރުއާން ކިޔަވާށެވެ. އެހެނީ ހަމަކަށަވަރުން ޤިޔާމަތް ދުވަހު، އެ ޤުރުއާން އޭގެ އަހުލުވެރިންނަށް ޝަފާޢަތްތެރިވުމަށް އަންނާނެތެވެ.”

މި ޙަދީޘަކީ ކީރިތި ޤުރުއާން ކިޔެވުމުގެ މާތްކަމާއި، ގެ ޙަޟްރަތުގައި މި ކަމުގެ ޘަވާބުގެ ބޮޑުކަން ދަލީލުކޮށްދޭ ޙަދީޘެކެވެ. އަދި އެ ޤުރުއާން ޤިޔާމަތް ދުވަހު އޭގެ އަހުލުވެރިން ސުވަރުގެ ވަނުމަށް ޝަފާޢަތްތެރިވާނެއެވެ.

އައްނައްވާސު ބުނު ސަމްޢާނު رضي اللهُ عنه ވިދާޅުވިއެވެ: ރަސޫލާ ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.

«يؤتى بالقرآن يوم القيامة وأهله الذين كانوا يعملون به، تقدمه سورة البقرة وآل عمران» وضرب لهما رسول الله ﷺ ثلاثة أمثال ما نسيتهن بعد، قال: «كأنهما غمامتان، أو ظلتان سوداوان بينهما شرق، أو كأنهما حزقان من طير صواف، تحاجّان عن صاحبهما»

މާނައީ: “ޤިޔާމަތް ދުވަހު ޤުރުއާނާ އެ ޤުރުއާނަށް ޢަމަލުކޮށް އުޅުނު، އެ ޤުރުއާނުގެ އަހުލުވެރިން ގެނެވޭހުއްޓެވެ. އެ ހިނދު ޤުރުއާނުގެ ކުރީގައި އިސްވެ އަންނާނީ ބަޤަރާ ސޫރަތާއި އާލު-ޢިމްރާނު ސޫރަތެވެ. އަދި ރަސޫލާ މި ދެ ސޫރަތަށް ތިން މިޘާލެއް ޖެއްސެވިއެވެ. އޭގެ ފަހުން ތިމަންބޭކަލުން އެ މިޘާލުތައް ދުވަހަކު ވެސް ހަނދާންނުނެތެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: “އެއީ ދެ ވިލާގަނޑެއް ފަދައިންނެވެ. ނުވަތަ އެ ދެމެދުން ނޫރުގެ އަލިކަން ފާޅުވާންހުރި ކަޅުކުލައިގެ ދެ ހިޔާގަނޑެއް ފަދައިންނެވެ. ނުވަތަ ސަފުސަފަށް އުދުހޭ ދޫނި ބައިގަނޑުތަކެއް ފަދައިންނެވެ. އެ ދެ ސޫރަތް ކިޔަވައި ޢަމަލުކުރި މީހާގެ ދިފާޢުގައި މާތް ގެ ހަޟްރަތުގައި ވަކާލާތު ކުރާނެއެވެ.”

ވުމާ އެކު ކޮންމެ ރޯދަވެރިޔަކު ވެސް މި ބަރަކާތްތެރި ދުވަސްތަކާއި ޝަރަފުވެރި ރޭތަކުގައި ކީރިތި ޤުރުއާން ކިޔެވުން ގިނަކުރަންޖެހެއެވެ. އެހެނީ އަހަރުގެ އެހެނިހެން ދުވަސްތަކާ ޚިލާފަށް، ރަމަޟާން މަހު ޤުރުއާން ކިޔެވުމުގައި ޚާއްޞަ ފައިދާއެއް ވެއެވެ. އެއީ ޤުރުއާން ބާވައިލެއްވުނު މި މައްސަރުގެ ޝަރަފުވެރިކަމާއި މާތްކަން ހޯދައި ގަތުމެވެ.

ރަމަޟާން މަހުގެ ރޭގަނޑުގެ ވަޤުތުގައި ޤުރުއާން ކިޔެވުމުގައި އިތުރު ފައިދާއެއް ވެއެވެ. އެއީ ރޭގަނޑުގެ ވަޤުތަކީ ހުރިހާ މަސައްކަތްތަކެއް ނިމި މީހާ ހުސްވާ ވަޤުތެވެ. އަދި އެއީ ހިތްމަތް އިތުރުވެ، ޤުރުއާން ކިޔަވާ އިރު ވިސްނާ ފިކުރުކުރުމަށް އޭނާގެ ހިތާއި ދުލަށް ފަސޭހަ ވަޤުތެކެވެ. والله المستعان.

އަލްހާފިޡު އިބްނު ޙަޖަރު ވިދާޅުވިއެވެ؛ ތިން ދުވަހަށް ވުރެ މަދު މުއްދަތެއްގައި ޤުރުއާން ޚަތިމުކުރުން ނަހީކުރެވިފައި ވަނީ ޢާދަވީ ގޮތެއްގައި މި ގޮތަށް ޚަތިމުކުރުމަށެވެ. ނަމަވެސް ރަމަޟާން މަހާއި އަދި ވަކިން ޚާއްޞަކޮށް ލައިލަތުލްޤަދްރި ހޯދުމަށް މަސައްކަތްކުރާ ރޭތަށް ފަދަ މާތް ވަޤުތުތަކާއި، މައްކާ ފަދަ މާތް ތަންތަނާ މެދު ދަންނައެވެ. ފަހެ މި ޙާލަތްތަކުގައި ޤުރުއާން ކިޔެވުން އިތުރުކުރުން މުސްތަޙައްބެވެ. އެއީ މި މާތް ވަޤުތުތަކާއި ތަންތަނުގެ ފައިދާ ޙާޞިލުކުރުމަށެވެ. މިއީ އަޙްމަދާއި، އިސްޙާޤާއި އަދި މި ނޫން ވެސް އިމާމުވެރި ބޭކަލުންގެ ބަސްފުޅެވެ. އަދި މި ނޫން ވެސް ބޭބޭކަލުންގެ ޢަމަލުފުޅުން މި ގޮތަށް ދަލީލުކުރެއެވެ. މި ކަންތައް ބަޔާންވެ ގޮސްފިއެވެ.”

ކީތިރި ޤުރުއާން ކިޔަވާ މީހާ ޤުރުއާން ކިޔެވުމުގެ އަދަބުތަކެއްގައި ހިފުން އެދެވިގެންވެ އެވެ.

* މާތް ﷲ އަށް ނިޔަތް ޚާލިޞްކުރުން
* ޠަހާރަތުގެ މަތީގައި ޤުރުއާން ކިޔެވުން
* ސިވާ ކުކުރުން

އެހެނީ މި ކަންތައް ވަނީ ގެ ކަލާމްފުޅު މަތިވެރިކުރުމުގެ ތެރެއިންނެވެ.

އަދި އޭނާ ޤުރުއާން ކިޔެވުމުގައި ދޫ ޙަރަކާތްކުރަން ޖެހޭނެއެވެ. ދޫ ޙަރަކާތްކުރުމަކާއި ނުލައި ހަމައެކަނި ލޮލުން ބެލި ނަމަވެސް ޤުރުއާން ކިޔެވި ކަމަކަށް ނުވާނެއެވެ. އަދި މި ފަދައިން ޢަމަލުކުރާ މީހާއަށް ޤުރުއާން ކިޔެވިކަމުގެ ޘަވާބު ނުލިބޭނެ އެވެ. އަދި އޭނާ ކިޔަވާ އެއްޗަކަށް ވިސްނާ ފިކުރުކުރަންޖެހެއެވެ. އެހެނީ ޤުރުއާން ކިޔެވުމުގައި ޙަޤީޤަތުގައި އެދެވިފައި މި ގޮތަށް ކިޔެވުމެވެ.

އަދި ޤުރުއާން ކިޔަވަމުންދާ އިރު ސަޖިދަވަޅެއް ދިމާވެއްޖެ ނަމަ، ސަޖިދަކުރުމަކީ ވެސް ޤުރުއާން ކިޔެވުމުގެ އަދަބުތަކުގެ ތެރެއިން އަދަބެކެވެ. ކޮންމެ ތަނެއްގައި ވިޔަސް ސަޖިދަކުރާނީއެވެ. އަދި ސަޖިދަކުރާނީ ވުޟޫ މަތީގައެވެ.

އަދި ޤުރުއާން ކިޔެވުމުގައި މާ ބޮޑަށް އަޑުހަރުކޮށް ކައިރީ ތިބޭ އެހެން މީހުންނަށް އުނދަގޫ ވާ މިންވަރަށް އެއްވެސް މީހަކު ނުކިޔަވާނެއެވެ. އެއީ އަބޫ ސަޢީދު އަލްޚުދްރީ رضي اللهُ عنه ގެ ކިބައިން ރިވާވެފައި ވާ އަންނަނިވި ޙަދީޘަށް ބިނާކޮށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ނަބިއްޔާ އެކަލޭގެފާނުގެ މިސްކިތްކޮޅުގައި އިޢުތިކާފުކުރެއްވިއެވެ.

އަދި އެ ބޭކަލުން އެބަހީ ޞަޙާބީބޭކަލުން) ޤުރުއާން ކިޔެވުމުގައި މާ އަޑުހަރުކޮށް ކިޔަވާ އަޑުއިވިވަޑައިގެން ފޮތިގަނޑު ހިއްލާލައްވައި ޙަދީޘްކުރެއްވި އެވެ

«ألا إن كلكم مناجٍ ربه، فلا يؤذين بعضكم بعضًا، ولا يرفع بعضكم على بعض في القراءة» أو قال: «في الصلاة»

މާނައީ: “ދަންނާށެވެ! ތިޔަބައިމީހުން ކުރެ ކޮންމެ މީހަކު ވެސް ތި މުނާޖާ ދަންނަވަނީ އެ މީހެއްގެ ވެރި ރައްބަށެވެ. ފަހެ އެއްބަޔަކު އަނެއްބަޔަކަށް އުނދަގޫނުކުރާށެވެ. އަދި ޤުރުއާން ކިޔެވުމުގައި އެކަކު އަނެކެއްގެ މައްޗަށް އަޑުއުފުލައި ނުހަދާށެވެ.” ނުވަތަ ޙަދީޘްކުރެއްވިއެވެ: “ނަމާދުގައެވެ.” މާނައަކީ ވަކިވަކިން ނަމާދު ކުރާ އިރު ނަމާދުގަ ޤުރުއާން ކިޔެވުމުގައެވެ.) والله أعلم.

اللَّهُمَّ اجْعَلِ الْقُرْآنَ الْعَظِيمَ رَبِيعَ قُلُوبِنَا، وَنُورَ صُدُورِنَا، وَجِلَاءَ أَحْزَانِنَا، وَذَهَابَ هُمُومِنَا، وَدَلِيلَنَا إِلَيْكَ وَإِلَى جَنَّاتِ النَّعِيمِ. اللَّهُمَّ ذَكِّرْنَا مِنْهُ مَا نُسِّينَا، وَعَلِّمْنَا مِنْهُ مَا جَهِلْنَا، وَارْزُقْنَا تِلَاوَتَهُ عَلَى مَا تُحِبُّ وَتَرْضَى. وَاغْفِرِ اللَّهُمَّ لَنَا وَلِوَالِدَيْنَا وَلِجَمِيعِ الْمُسْلِمِينَ.

ޔާ ﷲ! ޤުރުއާނަކީ އަޅަމެންގެ ހިތުގެ ބަހާރުކަމާއި، ހިތުގެ ނޫރުކަމާއި، އަޅަމެންގެ ހިތާމަތައް ފިއްލަވައިދޭ ޒަރިއްޔާއެއްކަމާއި، އަޅަމެންގެ ފިކުރުބޮޑުވުމާއި އުދާސްތައް ފިއްލަވައި ދުރުކޮށްދޭ ޒަރިއްޔާއެއްކަމުގައި ލައްވާނދޭވެ! އަދި އިބަ އިލާހުގެ ޙަޟްރަތަށާއި ސުވަރުގެއަށް މަގުދައްކާ އެއްޗެއްކަމުގައި ލައްވާނދޭވެ! ޔާ ﷲ! އެ ފޮތުން އަޅަމެން ހަނދާންނެތިފައި ވާ އެއްޗެއް ހަނދާންކޮށް ދެއްވައި، އެ ފޮތުން އަޅަމެންނަށް ނޭނގޭ ކަންކަން އުނގަންނަވައިދެއްވައި، އިބަ އިލާހު ލޯބިވެވޮޑިގަންނަވާ އަދި ރުހިވޮޑިގަންނަވާ ގޮތުގައި އެ ފޮތް ކިޔެވުމަށް މަގު ދައްކަވާނދޭވެ! އަދި އަޅަމެންނަށާއި، އަޅަމެންގެ މައިންބަފައިންނަށާއި، އެންމެހާ މުސްލިމުތަކުންނަށް ފާފަފުއްސަވާނދޭވެ! އާމީން

މަސްދަރު: އިލްމު.އެމްވީ