ރާއްޖެ އިން ނޭޕާލަށް ކަނޑައެޅުއްވި ނޮން-ރެޒިޑަންޓް ސަފީރު ޢާއިޝަތު އަޒީމާ، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ނޭޕާލް ގެ ރައީސް ރާމްޗަންދުރަ ޕައުޑެލް އަށް މިއަދު އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ޚާއްޞަ ރަސްމީޔާތު އޮތީ ކަތުމަންޑޫގައި ހުންނަ ނޭޕާލް ގެ ރައީސްގެ އޮފީސް ކަމުގައިވާ، ރާޝްތުރަޕަތީ ބަވަންގައެވެ.
ރާއްޖެ އިން ނޭޕާލަށް ކަނޑައަޅުއްވާ ނޮން-ރެޒިޑަންޓް ސަފީރުކަމުގެ މަޤާމާ އަޒީމާ ޙަވާލުވެވަޑައިގަތުމުން އެ ކަމަނާއަށް ނޭޕާލް ގެ ރައީސް ރާމްޗަންދުރަ ޕައުޑެލް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެ އާއި ނޭޕާލް އާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި ސަފީރުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނޭކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ނޭޕާލް ގެ ރައީސް އެ ކަމަނާއަށް ވިދާޅުވި ހޫނު މަރުހަބާއަށް ސަފީރު ޝުކުރު އަދާކުރެއްވިއެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެ ފަރާތްޕުޅުންނާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ނޭޕާލް ގެ ރައީސް އަށާއި އެ ޤައުމުގެ ރައްޔިތުންނަށް ހެޔޮ އެދުމާއި ތަހުނިޔާ ރައްދު ކޮށްދެއްވިއެވެ.
ސަފީރުގެ ފަތްކޮޅު އެރުވުމަށްޓަކައި ނޭޕާލަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ނޭޕާލްގެ ޚާރިޖީ ވަޒީރާއި، މިނިސްޓަރ އޮފް ހެލްތު އެންޑް ޕޮޕިއުލޭޝަން، އަދި ފޮރިން ސެކްރެޓަރީ ގެ އިތުރުން އެ ޤައުމުގެ ސަރުކާރުގެ އޮފިޝަލުންނާއި ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.
ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަޒީމާ، ރާއްޖެއިން ނޭޕާލް އަށް ކަނޑައަޅުއްވާ ނޮން-ރެޒިޑަންޓް ސަފީރުކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢައްޔަން ކުރެއްވީ 17 ޖޫން 2025 ގައެވެ.